ސައުދީގެ ވެރިކަން އިސްލާހުކުރުމަށް ގޮވާލައްވަމުން ގެންދެވި ޕްރިންސް ތަލާލް ބިން އަބްދުލް އަޒީޒް އުމުރުފުޅުން 87 އަހަރުފުޅުގައި އަވަހާރަވެއްޖެކަމަށް ޝާހީ ގަނޑުވަރުން ހޮނިހިރު ދުވަހު ބުނެފިއެވެ.
ސައުދު އާއިލާގެ އިސް ބޭފުޅެއްގެއިތުރުން ބިލިއަނަރު އަދި އިންވެސްޓަރ އަލް ވަލީދު ބިން ތަލާލްގެ ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތާ އެތައް އަހަރުތަކެއްވެއްޖެއެވެ.
އެ މަނިކުފާނުވަނީ 1950 އާއި 1960 ގައި ސައުދީ ވެރިކަމުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި ކޮމިއުނިކޭޝަން މިނިސްޓަރކަމާއި، ފައިނޭސް މިނިސްޓަރކަންވެސް ހިމެނެއެވެ.
ސައުދީގެ އިތުރު އަމީރުން ތަކަކާއި މިސްރުގެ ކުރީގެ ރައީސް ޖަމާލް އަބްދުލް ނާސިރް ގުޅިވަޑައިގެން ސައުދީއަށް އިސްލާހީ ބަދަލުތައް ގެނައުމަށް ގާނޫނުއަސާސީއަށް ބަދަލުގެނައުމަށް ބާރުއަޅުއްވަމުން ގެންދެވުމާއެކު އެ މަނިކުފާނުގެ ޕާސްޕޯޓް ސައުދީ ސަރުކާރުން ހިފެހެއްޓުމުން 1960 ގެ ތެރޭގައި ގައުމުން ބޭރަށް އަރުވާލެއްވިގެންވެސް އުޅުއްވިއެެވެ.
ޕްރިންސް ތަލާލް އެނބުރި ގައުމަށް ވަޑައިގެންފައިވަނީ ރަސްގެފާނު އަބްދުލް އަޒީޒް އަލް ސައުދު 1964 ވަނަ އަހަަރު ތަޚުތަށް ވަޑައިގަތުމުންނެވެ.
ސަައުދީގެ ތަޚުތު ކަށަވަރުވާ ފަރާތް ބެލުމަށް އޮންނަ އެލަޔަންސް ކަައުންސިލުން އެ މަނިކުފާނުވަނީ 2011 ވަނަ އަހަރު އިސްތިއުފާދެއްވާފައެވެ.
ޕްރިންސް ތަލާލްވަނީ ސައުދީގެ އަންހެނުންނަށް މަސައްކަތްކުރުމުގެ ހައްގާއި އެއްގަމު އުޅަނދު ދުއްވުމުގެ ހައްގު ދިނުމުގެ އިތުރުން އަސްކަރިއްޔާއަށް އެ ގައުމުން ކުރާ ހޭދަ ކުޑަކުރުމަށް ބާރުއަޅުއްވާފައެވެ.
ޝާހީ ގަނޑުވަރުން ބުނީ ޕްރިންސް ތަލާލްގެ ޖަނާޒާއާއި ކަށުނަމާދު އޮންނާނީ ވެރިރަށް ރިޔާޛްގައި އާދީއްތަދުވަހުކަމަށެވެ.
މީގެ ކުރިން ރިޔާޛްގެ ހޮސްޕިޓަލެއްގައި ޕްރިންސް އެޑްމިޓްކުރެވިފައިވާއިރު އަވަހާރަވެފައިވަނީ ކޮންތަނެއްގައިކަމެއް ސާފެއްނުވެއެވެ.