ސީރިޔާގައި ތިބި އެެމެރިކާގެ ސިފައިން ބޭލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާއި ގުޅިގެން، އައިއެސްއާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގައި އެންމެ އިސްކޮށް ހުންނެވި އޮފިޝަލް އިސްތިއުފާދެއްވައިފިއެވެ.
އައިއެސްއާ ދެކޮޅަށް ދުނިޔެއިން އެކުލަވާލާފައިވާ ކޯލިޝަނަށް އެމެރިކާގެ ރައީސްގެ ފަރާތްޕުޅުން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ބްރެޓް މެކްގަރކް މަގާމުން ދުރަށްވަޑައިގަންނަވަނީ ފެބްރުއަރީމަހުންފެށިިގެންނެވެ.
ސީރިިޔާގައިތިބި އެމެރިކާގެ ސިފައިން ފައިބާނެކަމަށް ރައީސް ޓްރަމްޕް އިއުލާނުކުރެއްވުމުގެކުރިން އޭނާ ވިދާޅުވަމުންގެންދެވީ އެމެރިކާއިން ސީރިޔާގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރަމުން ގެންދާނެކަމަށެވެ.
ބްރެޓް އިސްތިއުފާ ދެއްވާފައިމިވަނީ ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް ބުރާސްފަތި ދުވަހު އިސްތިއުފާދެއްވާފައިވަނިކޮށެވެ.
ޖެނެރަލް މެޓިސްވެސްވަނީ ސީރިޔާއިން އެމެރިކާސިފައިން ބޭލުމަށާއި އަފްޣާނިސްތާނުގައިތިބޭ އެމެރިކާ ސިފައިންގެ އަދަދު މަދުކުރަން ދެކޮޅުހައްދަވާފައެވެ.
ބްރެޓް މެކްގަރކް އަކީ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގަައި 2015ވަަނަ އަހަރު އެ މަގާމަށް އައްޔަން ކުރައްވާފައިވާ ތަޖުރިބާކާރު ޑިޕްލޮމޭޓެކެވެ.
އިސްތިއުފާދެއްވައި މެކްގަރކް ފޮނުވާފައިވާ ސިޓީ އެސޯސިއޭޓެޑް ޕްރެސްއަށްވެސް ލިބިފައިވާއިރު އެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ ސީރިޔާގައިތިބި އައިއެސްގެ ހަނގުރާމަވެރިން ހުސްވަމުުންދާކަމަށާއި ނަމަވެސް އަދި އެކީ ބަލިވެފައި ނުވާކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އެމެރިކާގެ ސިފައިން ސީރިޔާއިން ބޭލުން ވެގެންދާނީ އައިއެސް އަލުން ވަރުގަދަވުމަށް ދެވޭ ފުރުސަތަކަށްކަމަށެވެ.
ނިއުޔޯކް ޓައިމްސްއަށް އޭނާ ފޮނުވާފައިވާ މެއިލްއެއްގައިވަނީ ސީރިއާއިން އެމެރިކާ ސިފައިން ބޭލުމަށް ރައީސް ޓްރަމްޕް ނިންމެވި ނިންމެވުކަކީ ޝޮކެއްް ލިބިވަޑައިގެންނެވިކަމެއްކަމަށެެވެ.