އެމްއެންޑީއެފް އިން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ހޮނިހިރު ދުވަހު ފެށި ޕްރޮގްރާމްގެ ދަށުން ގަސް އިންދާފައި ވަނީ އެމްއެންޑީއެފްގެ ނޮތަން އޭރިއާ ހެޑްކުއާޓާ ޅ.މާފިލާފުށި ގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
![](https://dyncz33htw1ec.cloudfront.net/posts/1545495790.jpg)
ރަށްފެހި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ގަސް އިންދާފައި ވަނީ އެ ރަށު ތުނޑީ ސަރަހައްދުގައިއެވެ. ގަސް އިންދުމުގެ ޕްރޮގްރާމް ގައި ޅ.ނައިފަރު، ހިންނަވަރުގެ އިތުރުން އޮޅުވެލިފުށިގެ ކައުންސިލްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ނައިފަރު ސްކޫލުގެ ކެޑޭޓުން ވެސް ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑިއެފްގެ މީޑީއާ އޮފިޝަލް ވިދާޅުވީ، 216 ގަސް އިންދާފައިވާ ކަމަށާއި، މި ޕްރޮގްރާމް ސިލްސިލާކޮށް ގެންދާނެ ކަމަށެވެ.
![](https://dyncz33htw1ec.cloudfront.net/posts/1545495927.jpg)
އެމްއެންޑީއެފް އިން ގަސް އިންދާ ޕްރްގްރާމެއް ފަށާފައިވާއިރު، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ "ރަށް ފެހި" ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމް މި މަހުގެ 15 ވަނަ ދުވަހު ރައީސް ވަނީ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައެވެ. މި ޕްރޮގްރާމްގެ ދަށުން ކޮންމެ ރައްޔިތަކު ވެސް އެއް ގަސް އިންދުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.