ވ. އަތޮޅުގައި ދަނޑުވެރި ކަމަށް ދޫކޮށްފައިވާ ފުޅިދޫއިން ރުއްގަސް ކެނޑި މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ވ. ތިނަދޫ ކައުންސިލްގެ ރައީސް ސާމިރު އަހުމަދު ވިދާޅުވެއްޖެއވެ.
ސާމިރު ވިދާޅުވީ ހުޅިދުއަކީ ތިނަދޫއާއި ވަރަށް ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށާ އަލަށް ހަދާ އާރަށް ރިސޯޓަށް އެރަށުން ރުއްގަސް ނެގި މީ ދެވަނަ ފަހަރުކަމަށެވެ.
އާރަށް ރިސޯޓަކީ މީގެ ދޮޅުއަހަރެއްހާ ދުވަސްކުރިން ހަދަން ފަށާފައިވާ ރަށެއް ކަމަށާއި ހުޅިދުއަކީ ވަރަށްގިނައިން ރުއްގަސް އޮންނަ ރަށެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސާމިރު ވިދާޅުވި އަލަށް ހަދަމުންދާ ރިސޯޓުގައި އެހާ ވަރަށް ރުއްގަސް ނުހުންނަ ކަމަށާއި، ހުޅިދޫ ރުއްގަސް ނެގުމުގެ ސަބަބުން މިހާރު އެރަށުގައިވެސް ރުއްގަސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހަށްވެސް ރިޕޯޓު ކޮށްފައިވާ ކަމަށާއި، އަދި ފުލުހުން އެރަށުގައި ރުއްގަސް އުފުރާފައިވާ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މީގެ އިތުރުން މިއަދު ސީދާ ނަގާފައިވަނީ ކިތަށް ރުއްގަސްކަން ނޭނގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ފަޅުރަށްތަކާއި މީހުން އުޅޭ ރަށްތަކުންވެސް ގިނަ އަދަދެއްގެ ރުއް ނަގައިގެން ރިސޯޓްތަކަށް ގެންދާ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ. ރާއްޖޭން ބޭރަށް ރުއް ގެންދިއުމުގެ މައްސަލައެއް ވެސް ކުރިން ވަނީ ފެންމަތިވެފައެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ކަސްޓަމްސްއިން ބުނީ ރާއްޖޭން ރުއްގަސް ނަގައިގެން ރާއްޖޭން ބޭރަށް ގެންދަން އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރަން އުޅޭކަން ސަމާލުކަމަށް އައުމާ އެކު އެކަން ހުއްޓުވާފައިވާ ކަމަށެވެ.