މިދިޔަ ހުކުރު ދުވަހުން ފެށިގެން މައްސަލަ ހައްލު ކުރެވެންދެން ތިނަދުއަށް ފެނުގެ ޚިދުމަތް ލިބޭނީ 11 ގަޑިއިރު ކަމަށް ފެނަކަ ކޯޕަރޭޝަނގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން އަހުމަދު ސައީދު ވިދާޅުވި ބައެއް ވަގުތުތަކުގައި ތިނަދުއަށް ބޭނުންވާ ވަރަށް ފެނުގެ ޚިދުމަތް ނުދެވި ދިޔައީ މިހާރު ހުރި ފެން ޕްލާންޓަކީ ވަރަށް ބާ ޕްލާންޓަކަށް ވެފައި އެ ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި އަދި ޕްލާންޓުން ތިނަދޫގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ފެން އުފައްދައި ނުދޭތީ ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ ތިނަދުއަށް ފެންޕްލާންޓެއް ގެންގޮސްފައި ހުންނަތާ ދެ އަހަރު ވެފައި ވާއިރު އެ ޕްލާންޓުން އެއްވެސް ބޭނުމެން ނުކުރާ ކަމަށެވެ.
މިހާރު ތިނަދުއަށް ގެންގޮސްފައިވާ އާ 300 ޓަނުގެ ފެން ޕްލާންޓް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އިންސްޓޯލް ކުރެވޭނެ ކަމަށާއި އެ ޕްލާންޓުން މުޅި ރަށަށް ބޭނުންވާ ފެން އުފެއްދޭނެ ކަމަށް ވެސް އޭނާ ވދާޅުވިއެވެ.
މީގެ އިތުރުން ތިނަދޫ ފެނަކަ ބްރާންޗުން ނެރެފައިވާ އެންގުމުގައި ވަނީ ހުކުރު ދުވަހުން ފެށިގެން މައްސަލަ ހައްލު ކުރެވެންދެން ފެނުގެ ހިދުމަތް ދެމުންދާނީ ވަކި ތާވަލެއްގެ ދަށުން ކަމަށެވެ. އެއީ ހުކުރު ނޫން ކޮންމެ ދުވަހަކު ހެނދުނު 4:30 އިން 6:00 އަށް، 7:30 އިން 10:00 އަށް، 12:00 އިން 13:00އަށް އަދި ހަވީރު 3:00 އިން ރޭގަނޑު 9:00 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި ފެން ދޫކުރާނީ ފަތިހު 4:30 އިން 6:00 އަށެވެ. އަދި 10:30 އިން 13:00 އަށެވެ.