ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ރިޔާސީ ވައުދުތައް ފުއްދޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ހއ.އިހަވަންދޫއަށް ވަޑައިގަންނަވާ އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދިނުމަށް މުޅި ރާއްޖެ ގޮވަމުންދާ ކަމަށާއި، ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަޖިލީހުގެ މެޖޯރިޓީ ކޮންމެ ވެސް ބޭނުންވާ ކަމަށެވެ.
މި ސަރުކާރުގެ އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް މަޖިލީހުގެ މެޖޯރިޓީ ކޮންމެހެން ވެސް ނަގަން ޖެހޭ ކަމަށް މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ ހުޅުވާލުމުން އެ ޕާޓީގެ ޓިކެޓަށް އެދިފައި ވަނީ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަށްށެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރަން ބޭނުންވެގެން 280 މެމްބަރުން ވަނީ ކުރިމަތިލާފައި އެވެ. އޭގެ ތެރެއިން 10 ދާއިރާއަކަށް އެންމެ މެމްބަރަކު ކުރިމަތިލާފައި ވާތީ ޕްރައިމަރީ އަކާ ނުލާ ޕާޓީގެ ޓިކެޓް ދިހަ މީހަކަށް ވަނީ ކަށަވަރުވެފައެވެ.
ރައީސް ނަޝީދު އިހަވަންދޫއަށް ކުރެއްވި އެ ދަތުރުފުޅުގައި މަޖިލީހުގެ މެޖޯރިޓީއާ މުހިންމު ކަމާއި ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވުމުގެ އިތުރުން އެމަނިކުފާނު ވަނީ އެރަށުގެ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން އެ ރަށުގެ ސިއްހީ ހާލަތާއި ބެހޭ ގޮތުންނާއި، މަސްވެރިންނަށް ދިމާވާ ދަތިތަކާއި، އަދި ބަނދަރުގެ ދަތިތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އެ ރަށަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ކުނި އެޅުމަށް ޚާއްސަ ތަނެއް ނެތުން ފާހަގަކޮށް މިކަންކަން ހައްލު ކުރުމާ ބެހޭ ގޮތުންފުޅާ ދާއިރާގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.