ގޭސް ފުޅި ލީކުވުމާ ގުޅިގެން ހިނގި އަލިފާނުގެ ހާދިސާގައި ހ. ނީޓް ވިލާ ގޭގެ ބަދިގެ ބޭނުން ނުކުރެވޭ ވަރަށް އަނދައި، ލިބުނު ގެއްލުން ބައިލައްކަ ރުފިޔާއަށް އަރާނެ ކަމަށް އެގޭގެ ވެރިފަރާތުން ބުނެފިއެވެ .
ގޭގެ ވެރިފަރާތުން ބުނީ ހުކުރު ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނިގި ޚަބަރު ލިބުމާ އެކު މާލޭ ސިޓީ ކައުންސިލާއި އެމްއެންޑީއެފް އާއި އަދި ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވެސް އެގެއަށް ޒިޔާރަތް ކުރި ކަމަށާއި އެމްޑީ އެންސީން އެސެސްމެންޓް ހަދަންޖެހޭ ކަމަށް ވިދާޅުވުމުން އަނދާފައިވާ އެގޭގެ ބަދިގެ އޮތް ގޮތަށް ބާއްވާފައި ވާކަމަށެވެ .
ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރުގެ ޕްރޮޖެކްޓް ޑިރެކްޓަރ އަދި މީޑިއާ ކޯޑިނޭޓަރު ހިސާން ހަސަން ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ތަނަކަށް ވަދެވޭނީ ކްލިއަރެންސް ލިބިގެން ކަމަށާއި އެގޮތުން މިއަދު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ބޭފުޅުނާ އެކު އެތަނަށް އެންޑީއެމްސީގެ ބޭފުޅުން ގޮސް އެގޭގެ އެސެސްމެންޓް ހަދާ ނިމިފައި ވާކަމަށެވެ.
ގޭގެ ވެރިފަރާތުން ވެސް ވަނީ އެންއެންޑީއެފްގެ ފަޔަރއެންޑް ރެސްކިއު ސާރވިސް އާއި އަދި އެންޑީއެމްސީގެ ބޭފުޅުން އެގެއަށް ގޮސް އެސެސްމެންޓް ހެދިކަން ކަށަވަރު ކޮށްދީފައެވެ. ގޭގައި ހަލާކުވެފައިވާ އެއްޗެހީީގެ ލިސްޓް ނަގައި އަދި ފާރުތަކުގައި އަޅާފައިވާ ރެނދުތައް ވެސް ބަލާ ޗެކްކުރާ ކަމަށް ވެސް ގޭގެ ވެރި ފަރާތުން ބުނެއެވެ.
ޖުމްލަ 10 މީހުން ދިރިއުޅޭ އެ ގޭގެ ވެރިފަރާތުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ ގޭގެ ދެވަނަ ފަންގިފިލާގައި ކަމަށާއި، ގެއްލުން ލިބުނީ ބަދިގޭގައި ހިފާ ގެންގުޅޭ ސަމާނާއި ބަދިގޭގައި ހުރި އެހެން އިލެކްޓްރޯނިކް ސާމާނުތަކަށް ކަމަށެވެ. މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެރޭ 07:32 ހާއިރު ކަމަށާއި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ގޭސް ފުޅި ލީކުވުމާއި ގުޅިގެން ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ ހެންވޭރުގެ ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް މަނިކު އެ ގެއަށް ޒިޔާރަތް ކުރެއްވިކަން ފާހަގަކޮށް އެ މީހާ ބުނީ ގޭގެ އެންމެންނަށް ބޯހިޔާވަހިކަމުގެ އިތުރުން ކެއުން ބުއިމުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ފަރާތުން ދިން އެއްބާރުލުމަށް ގޭގެ ވެރި ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.