ޖަލުތަކުގެ ހާލަތު ބަލައި އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް، ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރިއަށް ގެންދާ އޮޑިޓުގެ މަސައްކަތް 75 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ޖަލުތައް އޮޑިޓް ކުރުމަށް އުފެއްދެވި ކޮމިޝަންގެ ރައީސް ޝައިޚް އަޙްމަދު ޢަބްދުލް ކަރީމް ވިދާޅުވެއްޖެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެމްބަރުކަން ވެސް ކުރެއްވި ޝައިޚް އަބްދުލް ކަރީމް "ރާއްޖެއެމްވީ" އަށް ވިދާޅުވީ ކޮމިޝަން އެކުލަވާލި ދުވަހުން ފެށިގެން 75 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އަމާޒު ހިފައި، ޖަލުތައް އޮޑިޓް ކުރުމަށް ޕްލޭނެއް ކޮމިޝަނުން ހަދާފައިވާ ކަމަށެވެ. އަދި އެ ޕްލޭނުގައިވާ މަސައްކަތްތައް ފުރިހަމަ ކުރުމަށް މުއައްސަސާތަކާ ބައްދަލުކޮށް، މައުލޫމާތު އޮޅުން ފިލުވަން ފަށާފައިވާ ކަމަށާއި އެ އަށް ފަހު ޖަލުތަކުގެ ހާލަތު ބަލަން ފަށާނެ ކަމަށް އަބްދުލް ކަރީމް ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އުފެއްދެވި ހަތް މެމްބަރުންގެ އެ ކޮމިޝަނުން މި ހަފްތާ ތެރޭގައި މީޑީއާއާ ބައްދަލުކޮށް، ކޮމިޝަންގެ މަސައްކަތް ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަންދު ދުވަސްތައް ވެސް ހިމަނައިގެން 75 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި، ހޯމް މިނިސްޓަރަށް އޮޑިޓް ހުށަހަޅަން ޖެހޭނީ އަންނަ އަހަރުގެ މާޗް މަހުގެ ތިން ވަނަ ދުވަހުއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކަށީގެންވާ ބޭސްފަރުވާ ނުލިބިގެންނާއި އެހެނިހެން ސަބަބުތަކާ ހުރެ ޖަލުގައި މަރުވި މީހުންގެ އަދަދު 18 އަށް ވުރެ ގިނައެވެ. އެގޮތުން މިއަހަރު ވެސް ފަރުވާ ދެމުންދިޔަ ތިން ގައިދީއަކު ވަނީ މަރުވެފައެވެ. މިދިޔަ އަހަރު ވެސް ޖަލުގައި ފަސް ގައިދީއަކު މަރުވެފައިވެއެވެ. އޭގެ ކުރީ އަހަރު، 2016 ވަނަ އަހަރު ޖަލުގައި ހަ ގައިދީއަކު މަރުވެފައިވެއެވެ.
ޖަލުތަކުގެ ހާލަތު ބަލައި، ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް އޮޑިޓެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޖަލުތައް އޮޑިޓް ކުރުމަށް އުފެއްދެވި ކޮމިޝަންގައި އަބްދުލް ކަރީމްގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސާ ޝަހިންދާ އިސްމާއިލާއި ސ.ހިތަދޫ، ތެވެލި، ޑރ. ޢަބްދުﷲ އިސްނީން ހިލްމީ އާއި ރ.ކަނދޮޅުދޫ، ރިހިތަޅާގެ، އަޙްމަދު މުޙައްމަދުފުޅާއި ގ.މާލެހިޔާ 2، އަލްއުސްތާޛާ ޒުލައިޚާ ދާއޫދާއި އދ. ދަނގެތި، ސާތީ، އަލްއުސްތާޛާ ޝާދިޔާ އާދަމުގެ އިތުރުން ޏ.ފުވައްމުލައް، މާބުޅާގެ، އައިމިނަތު ނާހީން އަޙްމަދެވެ.