ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭނެ ބަޔަކު ހޯދުމަށް ބިޑަށް ހުޅުވާލައިފިއެވެ. ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ދިރާސީ އާ އަހަރާ އެކު 25 ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދިނުމަށް ވަނީ ނިންމާފައެވެ. ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ކޮންމެ އަތޮޅަކުން އެއް ސްކޫލާއި މާލެއިން ތިން ސްކޫލް އަދި ވިލިމާލެ އާއި ހުޅުމާލެއިން ސްކޫލެއް ވަނީ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ނާސްތާ ދިނުމުގެ ޕްރޮގްރާމްގެ ކޮންޓްރެޓް ހަވާލު ކުރާނީ ޕައިލެޓް ޕްރޮގްރާމަށް ހޮވިފައިވާ ސްކޫލްތައް ހިމެނޭ ރަށްރަށުގައި މިހާރު ވެސް ކޭޓަރިންގެ ހިދްމަތް ދެމުން އަންނަ ފަރާތްތަށް ކަމަށެވެ.
ނާސްތާ ޕްރޮގްރާމަށް ހޮވާލެވިފައިވާ 25 ސްކޫލްތަކުގެ ތެރެއިން ބައެއް ސްކޫލްތަކަކީ ރ ރަސްމާދޫ ސްކޫލް، ވ އަތޮޅު މަދަރުސާ،އދ އަތޮޅު މަދަރުސާ، ޏ އަތޮޅު ތައުލީމީ މަރުކަޒު ،އއ މާޅޮހު ސްކޫލް، އިސްކަންދަރް ސްކޫލް، ގދ އަތޮޅު ތައުލީމީ މަރުކަޒް، ލ އަތޮޅު މަދަރުސާ،ޝަރަފުއްދީން ސްކޫލް، ލ އަތޮޅު މަދަރުސާގެ އިތުރުން ތަކަންދޫ ސްކޫލެވެ.
ދިރާސީ އާ އަހަރާއެކު ފަށާ ނާސްތާ ޕްރޮގްރާމްގައި 25 ސްކޫލެއްގެ 14،720 ދަރިވަރުން ބައިވެރިކުރާނެ ކަމަށް އެޑިއުކޭޝަންސް މިނިސްޓްރީން ބުންޏެވެ.
ހެނދުނު ނާސްތާގެ ވައުދަށް ބަޖެޓްގައި ވަނީ 50 މިލިއަން ރުފިޔާ ހިމަނާފައެވެ.