ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވުރެ ޒާތީ ބޭފުޅެއް ދެކެވަޑައިނުގަންނަވާ ކަމަށް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާތީ، އެކަމަކަށް ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ފާޑުވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ނައިބް ރައީސްކަން ކުރަމުންވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ރައީސް މައުމޫންއާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ކަމަށާއި، އެމަނިކުފާނުގެ މިޒާޖު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް މައުމޫނަކީ ވަރަށް ޒާތީ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ކަން ވެސް ކުރައްވާ ޔުމްނާ ވިދާޅުވީ ޕާޓީ ޒާތީވުން އަބްދުއްރަހީމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް މައުމޫނާއި މެދު ރައީސް ޔާމީންގެ ސަރުކާރުން ކަންތައްތައް ކުރެއްވި ގޮތަށް އަލިއަޅުއްވާލައްވައި ޔުމްނާ ވިދާޅުވީ ރައީސް މައުމޫންގެ އަތްޕުޅުން އެމަނިކުފާނު އުފެއްދެވި ޕާޓީ އަތުލައްވާ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އަށް މަސްދުވަހު މައުމޫން ޖަލުގައި ބޭއްވެވި ކަމަށެވެ.
އެހެންކަމުން މިއީ ވެސް ޒާތީކަމުން ކުރައްވާފައިވާކަމެއް ކަމަށް ވިދާޅުވެ، ޔުމްނާ ވަނީ ސުވާލުއުފައްދަވާފައެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި މައުމޫން ހައްޔަރުކޮށް، ހުކުމެއް އިއްވާފައި ވަނީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިންގި ތަހުގީގަކަށް ފަހުއެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލިއެވެ.
ކުއްލި ހާލަތު އިއުލާން ކުރުމަށްފަހު ރައީސް މައުމޫން ހައްޔަރު ކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރެއެވެ. އެމަނިކުފާނު މިނިވަން ކުރީ ހައްޔަރު ކުރިތާ ހަތް މަހާއި 25 ދުވަސް ފަހުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަދުލު އިންސާފަށް ހުރަސް އެޅި ކަމުގެ ދައުވާ ސާބިތުވެ، ރައީސް މައުމޫންގެ މައްޗަށް ކޮށްފައިވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލު ކުރީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.