ރިޝްވަތުގެ ފައިސާ ބެހި އަމިއްލައަށް އިއުތިރާފުވި މައްސަލަ ލުއި ގޮތަކަށް މަތި ޖެހިގެން ނުވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒު މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާގެ މައްސަލައިގައި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އޭސީސީއަށް ދެއްވި ބަޔާނާ ގުޅިގެންނެވެ.
އޭސީސީގެ ތަހުގީގަށް ދެއްވި ބަޔާނުގައި މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އޭސީސީން ކުރި ތަހުގީގުގައި ރިޝްވަތުގެ ގޮތުގައި އެއްވެސް ފައިސާއެއް މަޖިލީހުގެ އެއްވެސް މެމްބަރަކާ ހަވާލު ކުރަން ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެ ވާހަކަތަކަކީ ސިޔާސީ ގޮތުން ދެއްކެވި ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެމްއެމްޕީއާރުސީގެ ފައިސާ ގޯންޏަކަށް އަޅައިގެން މެމްބަރުންނަށް ބެހި ކަމަށް މަޖިލީހުގެ ޖަލްސާއެއްގައި އަދި ޓީވީ ޕްރޮގްރާމެއްގައި ވެސް މުހައްމަދު އިސްމާއިލް ވިދާޅުވެފައިވެއެވެ.
މެމްބަރު މުހައްމަދު އިސްމާއީލް އަމިއްލަ އަށް އިއުތިރާފުވެފައިވާއިރު، އޭނާ ފައިސާ ބެހިކަން އެނގެން ނެތް ކަމަށް އޭސީސީން ނިންމާފައިވާއިރު، ޑރ އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގައި ޝަރީއަތް ކުރެވޭނީ ބޭރުފުށަށް ކަމަށާއި، އޭނާގެ އަމިއްލަ އިއުތިރާފުން ރިޝްވަތު ފައިސާ ބެހި ކަމަށް ބުނާއިރު އެމައްސަލަ ލުއި ގޮތަކަށް މަތި ޖެހިގެން ނުވާނެ ކަމަށެވެ. އަދި ގައުމު އިސްލާހު ކުރެވޭނީ ރިޝްވަތުގެ ވަބާ ފުހެވިގެން ކަމަށް ޑރ އިޔާޒު ވިދާޅުވިއެވެ.
މޫނަކަށް ކަދުރާއަކަށް ބެލުމެއް ނެތި މިމައްސަލާގައި ފިޔަވަޅުއެޅުއްވުމަށް ވެސް ޑރ އިޔާޒު ވަނީ ގޮވާލައްވާފައެވެ.