ސައުދީ އަރަބިއާއިން އެ ގައުމުގެ އިންޓެލިޖެންސްގެ ހިދުމަތްދޭ އިދާރާތަކަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
މި ބަދަލުތަކުގެ ތެރެއިން އިންޓެލިޖެންސް އިދާރާތަކުގެ މަސައްކަތް ބެލުމަށް ސަރުކާރުގެ އައު ތިން ވުޒާރާއެއް އުފެއްދުމަށް ވަނީ ނިންމާފައެވެ. މި ވުޒާރާތަކަކީ، އިންޓެލިޖެންސް އިދާރާތަކުން އަމަލު ކުރަމުން ދަނީ ގައުމުގެ ސަލާމަތީ ސިޔާސަތުތަކާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތޯ ބެލުމަށް އުފެއްދި އިދާރާތަކެއް ކަމަށް ރަސްމީ ސައުދީ ޕްރެސް އޭޖެންސީއިން ވަނީ ބުނެފައެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ، ތުރުކީގައި ހުންނަ ސައުދީ ކޮންސުލޭޓް ތެރޭގައި މަރާލެވުނު ނޫސްވެރިޔާ ޖަމާލް ހާޝޯގީގެ މަރުގެ ތުހުމަތު ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއަށް ކުރެވޭތީ، އެތުހުމަތުން ވަލީއަހުދު ސަލާމަތް ކުރަން ކުރެވުނު ކަމެއް ކަމަށެވެ.
ހަޝޯގީ މަރާލެވުނު އިރު ސައުދީ ދިފާއީ ބާރާއި އިންޓެލިޖެންސްގެ ހިދުމަތް ހިންގަމުން ގެންދިޔައި ސީދާ ވަލީއަހުދުގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ސައުދީއާއި ތުރުކީން ވެސް މި ގަތުލުގެ މޭސްތިރި ކަމުގައި ބުނާ އަހްމަދު އަލް-އަސީރީއަކީ އޭރު ސައުދީގެ ޑެޕިއުޓީ އިންޓެލިޖެންސް ޗީފްއެވެ. ޙަޝޯގީގެ މަރަށް ފަހު އެނާ ވަނީ މަގާމުން ވަކިކޮށްފައެވެ.
މީގެ އިތުރުން މި ކަމުން ފެނިގެން ދަނީ ބައިނަލްއަގްވާމީ ފާޑުކިޔުންތަކާއި ގުޅިގެން ސައުދީގައި ވަލީއަހުދުގެ ބާރު ކުޑަ ވެފައިވާ މިންވަރު ކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.
ހަޝޯގީ މަރާލާފައިވަނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު އެވެ. އެ ޖަރީމާގައި ވަލީއަހުދު މުހައްމަދުގެ އެއްވެސް ބައިވެރިވުމެއް ނުވާކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.