ރ.އަނގޮޅިތީމުގައި ހުމާއި ރޯގާ ވަރަށް ބޮޑަށް ފެތުރެން ފަށައިފިއެވެ.
އެރަށުގެ ސިއްހީ މަރުކަޒުން މައުލޫމާތުދިން އޮފިޝަލް ވިދާޅުވީ މިމަހުގެ 19 ވަނަ ދުވަހު ވަރަށް ގިނަ މީހުން ހުން އައިސްގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ މިއަދާ ހަމައަށް ގާތްގަނޑަކަށް 75 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.
އެހެންކަމުން މިކަން ހެލްތް މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
"މިރޯގަލުގަ އެކިމީހުންނަށް އެކި ގޮތްވަނީ. ބޮލުގަ ރިއްސާނެ، ގައިގަ ރިއްސާނެ، ހޮޑުވެސް ލާ ބައެއް މީހުން ވަރަށް ގަދައަށް. ދެން ހަމައަށް ފާހަނާއަށް ދެވޭ މީހުން ވެސް އުޅޭ. ގާތްގަނޑަކަށް ތިން ދުވަސް ހަތަރު ދުވަސް މިހާލެއްގައި ރޯގާ ޖެހޭ މީހުން އުޅެނީ. އެކަމަކު މިރޯގާ މުޅި ރަށަށް މިހާއި ހަލުހި ބާރުމިނުގައި ކުރިއަށްްދާތީ ކަންބޮޑުވޭ" އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރަށް އޭނާ ވިދާޅުވީ ހުން ޖެހިގެން ޑޮކްޓަރަށް މިހާތަނަށް ދެއްކީ ގިނައިން 12 އަހަރަށްވުރެ ކުޑަ ކުދިން ކަމަށެވެ.
އެސްޓީއޯއިން ހިންގާ ޕާމަސީގައި ބޭސް ނެތްކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، އެކަން މިހާރު ކަމާބެހޭ މުއައްސަސާތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އުންމީދު ކުރަނީ ވީހައި ވެސް އަވަހަށް ބޭސް ލިބޭނެ ކަމަށެވެ.
އަނގޮޅިތީމުގެ އާބާދީއަކީ 520 އެވެ.