ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުން އެހީތެރިކަން ހޯދޭނެ ގޮތްތަކާއި ބެހޭ ގޮތުން ޖަޕާން ބޭންކް ފޮރ އިންޓަނޭޝަނަލް ކޯޕަރޭޝަންއާއިއެކު މަޝްވަރާކޮށްފިއެވެ.
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، މާލީ ވަޒީރު އިބްރާހިމް އަމީރުގެ އިތުރުން އިޤްތިސާދާއި ބެހޭ ވަޒީރު ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެބޭންކުން ދީފައިވާކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ބޭންކްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެބޭންކުގެ ގަވަރުނަރު ޓަޑާޝީ މައީޑާއެވެ.
ޚާރިޖީ ވަޒީރު ޝާހިދު އިސްކޮށް ހުންވައި އިތުރު 2 ވަޒީރުންނާއިއެކު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުކުރު ދުވަހު ވެސް ގިނަ ބައްދަލުވުންތަކެއް ބޭއްވިއެވެ. ހުކުރު ދުވަހުގެ ގިނަ ބައްދަލުވުންތަކުގައި ވަޒީރުން ބައްދަލުކުރައްވާފައިވަނީ ރާއްޖެއަށް ދިމާވެފައިވާ ފެނާއި ހަކަތައިގެ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން، އެކަމާއި ގުޅުން ހުރި ބައެއް ކުންފުނިތަކާއެކުއެވެ.
އެގޮތުން ޓެކްނޮލިޖީގެ ގޮތުން މަޝްހޫރު އެން.އީ.ސީ ކުންފުނީގެ ވެރިންނާއި ވަޒީރުން ބައްދަލުކުރައްވައި، ރާއްޖެއަށް ބޭނުންވާ އިޔާދަކުރަނިވި ހަކަތައާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖެއަށް ބޭނުންވާ އެހެނިގެން ސްމާޓް ޓެކްނޮލޮޖީތަކާއި ބެހޭ ގޮތުން އެކުންފުންޏާއިއެކު މަޝްވަރާކުރެވުނެވެ.
ހަމައެއާއިއެކު ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދެވޭނެ ނިޒާމުތަކާއި ބެހޭ ގޮތުން ހިޓާޗީ ކުންފުނީގެ އިސްވެރިންނާއި މަޝްވަރާކުރެއްވިއެވެ.
ޖަޕާނަށް ވަޑައިގެން އުޅުއްވާ 3 ވަޒީރުން ހުކުރު ދުވަހު ވަނީ ޖަޕާނުގެ ޝިނަގާވާ އިންސަނަރޭޝަން ޕްލާންޓަށްވެސް ޒިޔާރަތްކުރައްވާފައެވެ. އަދި އެތަނުގައި ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ކުނި މެނޭޖްކޮށް ރީސައިކަލްކުރުމާއި ބެހޭ ގޮތުން ވަޒީރުންނަށް ޕްރެޒެންޓޭޝަނެއް ދެވުނެވެ. ފޮރިންގ މިނިސްޓަރ ޝާހިދު ވިދާޅުވީ އުމްރާނީ ތަރައްޤީގައި ކުރިއަރަމުން އަންނައިރު، ރާއްޖެއިންވެސް ކުނި މެނޭޖްކުރުމަށް މިފަދަ ވިސްނުނުންތަކެއް ގެންގުޅޭ ކަމަށެވެ.
ވަޒީރުން ވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ހުންނަ ދިވެހި އެމްބަސީއަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި އެމްބަސީ ހުޅުއްވައިދެއްވީ 2007 ވަނަ އަހަރު އޭރުވެސް ޚާރިޖީ ވަޒީރުކަމުގައި ހުންނެވި އަބްދުﷲ ޝާހިދު، އެއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުއެވެ. މިއީ އިރުމަތީ އޭޝިއާގައި ރާއްޖެއިން ހުޅުވި ފުރަތަމަ އެމްބަސީކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.