އެތެރޭގެ އުދުހުންތަކުގެ އަގު އިއުލާން ނުކުރެވިގެން އުޅެނީ އެހެން މިނިސްޓްރީތަކާއި ރައީސް އޮފީހާއި މަޝްވަރާ ކޮށްގެން ނިންމަންޖެހޭ ކަމަށްވާތީ ކަމަށް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީގެ ފަރާތުން ބުނީ އަގުތަކުގެ މިންގަނޑާއި އެއްކޮށް އައިލެންޑް އޭވިއޭޝަން އިން ހުށަހަޅާފައިވާ ޝަރުތުތައް، ރައީސް އޮފީހުގެ ލަފަޔަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.
ޑިސެމްބަރު 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 30 ދުވަހުގެ ވައުދުތަކުގައި މިނިސްޓްރީން ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން ފަސް ކަމެއް ނިމި، ހަވަނަ ކަންތައް ކަމަށްވާ އެތެރޭގެ އުދުހުން ތަކުގެ އަގުހެޔޮ ކުރުމުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އޭރު މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ. އަދި މިނިސްޓަރ ވިދާޅުވީ ސިވިލް އޭވިއޭޝަނުން ކުރަން ޖެހޭ މަސައްކަތްތައް ކޮށް ނިމިފައިވާ ކަމަށާއި، ދެން އޮތީ އެކަން ފައިނަލް ކުރުމުގެ ކުރިން ރައީސް އޮފީހާއި ކުރަންޖެހޭ މުއާމަލާތްތައް ކުރުން ކަމަށެވެ.
އެތެރޭގެ އުދުހުމުގެ އަގުތަށް އިއުލާން ކުރި ނަމަވެސް އެކަމަށް އަމަލު ކުރުމަށް ތިން ހަފްތާވަރު ނަގާނެ ކަމަށް މިނިސްޓަރ ނަހުލާ ވަނީ އޭރު ވިދާޅުވެފައެވެ.