ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތައް ނުވަތަ ދަރުމަވެރި މަސައްކަތެރިން އިތުރުކުރުމަކީ މިސަރުކަރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ދަރުމަވެރިންގެ ދުވަހާ ގުޅުވައިގެން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މުޖުތަމައު އެއްބައިވަތަންކޮށް އިތުރަށް ގުޅުންތައް ދެމެހެއްޓުމުގައި ދަރުމަވެރި މަސައްކަތްތެރިންގެ ދައުރު ވަރަށް ބޮޑު ކަމަށެެވެ.
ފާއިތުވެގެންދިޔަ އަހަރުތަކުގައި ރާއްޖޭގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ފަނޑުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ އެއްބައިވަންތަކަން އަލުން ދިރުވާ އާލާކުރުން ކަމަށާއި އެކަން އެންމެ ފުރިހަމަޔަށް ކުރެވޭނީ ދަރުމަވެރިންގެ އެހީއާއި އެކު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މުޖުތަމައުގައި ލޯތްބާއި އޯގާތެރިކަން ފަތުރާ ބަޔަކީ ދަރުމަވެރި މަސައްކަތްތެރިން ކަމަށާއި، މުޖުތަމައުގެ އެންމެ މަތީ ފަންތިން ފެށިގެން އެންމެ އާދައިގެ ފަރުދާ ހަމައަށް ދަރުމައަށް މަސައްކަތްކަތްކުރާއިރު، އެމީހުންނަށްވެސް ހަމަ އެފަދަ ލޯތްބާއި އަޅާލުން ހައްގު ކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ދަރުމައަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރާނެކަން ފާހަގަކުރަވައި މިނިސްޓަރު އިމްރާން ވިދާޅުވީ ދަރުމައަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ވެބް ޕޯޓަލްއެއް ތަރައްގީ ކުރުމާއި މިފަދަ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް ގުޅުން ބަދަހި ކުރުމަށް ފޯރަމެއް ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރަށް މިނިސްޓަރު އިމްރާން ވިދާޅުވީ ދީނީ ގޮތުންވެސް ދަރުމަވެރި މަސައްކަތަކީ ވަރަށް މަތިވެރި މަސައްކަތެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ދަރުމަވެރި މަސައްކަތްކުރާ ފަރާތްތަކުން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.