ހުސް ވަގުތު ހެޔޮ ގޮތުގައި ހޭދަކުރުމަށް ފަރުވާ ކުޑަކުރާނަމަ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި ހިއްސީ ގޮތުން ކަންނެތްކަމުގެ ޝިކާރައަކަށްވެގެން ދާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފުން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނެފައިވަނީ ހުސްވަގުތަކީ އިންސާނާ ކަން ނެތް ކުރުމުގައި އަދި އިންސާނާއަށް ލިބިފައިވާ ދުޅަހެއުކަން ނަގާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއް ކަންތައް ކަމަށް ވުމާއެކު، ހުސްވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ޖެހޭނެ ކަމަށެވެ.
ޗުއްޓީގެ ދުވަސްވަރާ ދިމާކޮށް ހުސް ވަގުތުގެ ބޭނުން ހިފުމަށް ދަރިވަރުންނާއި ޒުވާނުންނަށް ގޮވާލައި މިއަދުގެ ޚުތުބާގައި ބުނެފައިވަނީ ޒުވާނުންގެ ކޮނޑުގައި ވަރަށް ބޮޑެތި ޒިންމާތަކެއް އެޅިފައިވާ ކަމަށާއި، ޒުވާން ދުވަސްވަރު ބޭކާރު ގޮތުގައި ހޭދަކޮށްނުލުމަށެވެ. އެ ދުވަސްތައް މުޖުތަމައަށް ފައިދާ ހުރި މަސައްކަތެއް ކުރުމަށް ހޭދަކުރުމަށްވެސް ޚުތުބާގައި ގޮވާލާފައިވެއެވެ.
އިންސާނުންގެ ތެރޭގައިވެސް ނުބައި ވަސްވާސްދޭ މީހުން ތިބޭ ކަމަށާއި، ލިބޭ ނުބައި ވަސްވާސްތަކާއި ދުރުވެ، ޗުއްޓީގެ ދުވަސްވަރުގައި ހެޔޮ އަމަލުކުރުމުގެ އިތުރުން ތިމާގެ ކޮންމެވެސް ހުނަރެއް ކުރިއެރުވުން ނުވަތަ ބޭނުންތެރި މަސައްކަތެއް ދަސްކުރުން ފަދަ ކަމެއް ކުރުމުގައި ވަގުތު ހޭދަކުރަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
މައިންބަފައިންނާއި ބެލެނިވެރިންނަށް އަމާޒުކޮށް ޚުތުބާގައި ބުނެފައިވަނީ، ޗުއްޓީ ތެރޭގައިވެސް ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލު ނުވުމަށާއި، ދީނީ ތައުލީމާއި، ރިވެތި އަހުލާޤާއި އަދި ބޭނުންތެރި މަސައްކަތްތައް ދަސްކޮށްދިނުމަށެވެ. ދަރިންގެ އަމަލުތަކާއިމެދު މައިންބަފައިން މަސްއޫލުވާން ޖެހޭނެ ކަމަށާއި، ސުކޫލުތައް ބަންދުވި ނަމަވެސް ކުދިން އުޅޭ ނޫޅޭ ގޮތް ބަލައި، ހަމަ މަގަށް އެޅުވުމަށް އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
ދިރިއުޅުން ބިނާކޮށް، ރަނގަޅު ގޮތުގައި ކުރިއަށް ދިއުން ބިނާވެގެންވަނީ ރަނގަޅު ތަރުބިއްޔަތެއްގެ މައްޗަށް ކަމަށް ބަޔާންކޮށް ޚުތުބާގައި ގޮވާލާފައި ވަނީ ޅަފަތުގެ ދައުރުން ފެށިގެންވެސް ހުސްވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ހުސްވަގުތުގެ ބޭނުން ހިފުމުގައި ފަރުވާކުޑަ ނުކުރުމަށެވެ.