ސަރުކާރުން ލޯނު ނެގުމުގެ ކުރިން މަޖިލީހުން ރުހުން ހޯދަންޖެހޭ ގޮތަށް މާލިއްޔަތު ޤާނޫނު ކުރިން އޮތް ގޮތަށް ރުޖޫޢަ ކުރަން ޖެހޭ ކަމަށް ކުޅުދުއްފުށީ އުތުރު ދައިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ މާލިއްޔަތު ޤާނޫނު ކުރިން އޮތް ގޮތަށް ރުޖޫއަވާން ޖެހޭ ކަމަށާއި އޭގެ ނަތީޖާ ފެނިގެން ހިނގައްޖެ ކަމަށެވެ. ޣަފޫރު ވިދާޅުވީ އަބަދުވެސް ހެދޭ ގޯސްތައް ރަނގަޅު ކުރަންޖެހޭ ކަމަށާއި އެހެންކަމުން އަންނަން އޮތް ޖީލަށްޓަކައި ވެސް ލޯނު ނެގުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ސަރުކާރުން ނަގާ ލޯނުތަކުގެ ތަފްސީލު ހިތަށް އެރި ދުވަހަކުން މަޖިލީހަށް ފޮނުވަން ވެއްޖެނަމަ އޭގެ މަންފާއެއް ނުފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހުރިހާ ލޯނެއްގެ އެއްޗިހި މަޖިލީހަށް ފޮނުވި ކަމެއް ވެސް ނޭނގެ ހަމަ ޔަގީނުން ވެސް. ސަރުކާރުން ސޮވެރިން ގެރެންޓީ ދީފަ ހުރި ހުރިހާ ލޯނެއް އަދި މަޖިލީހަށް ނުފޮނުވާ. ހަމަޔަގީނުންވެސް ބުނަން ކެރޭ،" ޣަފޫރު ވިދާޅުވިއެވެ.
ސަރުކަރުން ބޭރުގެ ގައުމުތަކާ އެކު ވަރަށް ބޮޑެތި އެގްރިމެންޓްތައް ހަދާފައި އެބަހުރި ކަމަށާއި ދިވެހި ރައްޔިތުން އޭގެ އިލްޒާމް އުފުލަން ޖެހޭ ކޮންމެ ކަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާ އެ ކަންކަން ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކަރުން ކަންތައް ކޮށްފައި ހުރީ ފޮރުވައިގެން ސިއްރު ސިއްރުން ވައްކަން ކުރެވޭނެހާ ގޮތްގޮތަކަށް ކަމަށާއި އެހެންކަމުން ކުރިންވެސް އޮތް ގޮތަށް މާލިއްޔަތު ޤާނޫނަށް އިސްލާހު އެކަމަށް އަލުން އިޔާދަ ވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާވިއެވެ.