އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވޯޓު ކަރުދާސް ޕްރިންޓް ކުރުމުގައި ފުލުހުންގެ ދައުރު ބޮޑު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ފުލުހުން މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާތައް ކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ އެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން އީސީގެ މެމްބަރު އަދި އެ ކޮމިޝަންގެ ސްޕޯކްސްޕާސަން އަހުމަދު އަކްރަމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ވޯޓު ކަރުދާސް ޕްރިންޓްކުރާ ހިސާބުން، އެތަނެއްގައި މީގެ ކުރިން ވެސް ފުލުހުން ހަރަކާތްތެރިވާ ކަމަށެވެ. ނަމަވެސް ވޯޓު ކަރުދާސް ޕްރިންޓް ކުރުމުގައި މިފަހަރު ފުލުހުންގެ ދައުރު އިތުރަށް ބޮޑު ކުރަން ވިސްނާފައިވާ ކަމަށެވެ.
"އެހެންވެ، އެކަމާ އަޅުގަނޑުމެން މަޝްވަރާކުރީ،" އަކްރަމް ވިދާޅުވި އެވެ.
ވޯޓު ކަރުދާސް ޕްރިންޓް ކުރުމުގައި ފުލުހުންގެ ދައުރު ބޮޑު ކުރަން މަޝްވަރާކޮށްފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބަށް ވޯޓު ކަރުދާސް ބަހައްޓާފައި ހުރި ތަނުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ނެތް ކަމަށް އިދިކޮޅު ޕީޕީއެމުން ތުހުމަތުކޮށްފައި ވަނިކޮށެވެ. ވޯޓު ކަރުދާސް ބަހައްޓާފައި ހުރި ތަނަށް ވަދެ ނުކުތުމަށް މާ ބޮޑު ދަތިކަމެއް ނެތް ކަމަށް ބުނެ، ޕީޕީއެމުން ވަނީ އިންތިހާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓުގައި ވަކާލަތުކޮށްފައެވެ.
ޕީޕީއެމްގެ އެ ތުހުމަތުތަކާ ގުޅިގެން އީސީން ވަނީ ވޯޓު ކަރުދާސް ރައްކާކޮށްފައި ހުރި ތަނަށް ވަދެފައިވާ މުވައްޒަފުންގެ މައުުލޫމާތު އެނގޭނެ ލޮގެއް ޝަރީއަތަށް ހުށައަޅާފައެވެ. ކެމެރާ ހަރުކޮށްފައި ހުންނަ އެތަނުގައި ފުލުހުންގެ ހާޒިރުގައި ސަލާމަތީ ކަންކަން ކުރިއަށް ގެންދިޔަ ގޮތް އީސީން ވަނީ ސުޕްރީމް ކޯޓުގައި ކިޔައިދީފައެވެ.
މަޖިލީހުގެ އިންތިހާބުގައި އީސީ އާއި ފުލުހުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާތަކުގައި ވޯޓު ފޮށިތައް އުފުލުމާއި ސަލާމަތީ ލޮޖިސްޓިކް މަސައްކަތްތަކުގައި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާމެދު ވެސް ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް އަކްރަމް ވިދާޅުވިއެވެ.