އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް އިސްތިއުފާ ދެއްވައިފި އެވެ.
މެޓިސް އިސްތިއުފާގެ ސިޓީ ރައީސް ޑޮނަލްޑް ޓަރަމްޕަށް ފޮނުވީ އެމެރިކާގެ ސިފައިން ސީރިޔާއިން ބޭލުމަށް ޓްރަމްޕް ނިންމެވިފަހުންނެވެ. މެޓިސް ބޭނުންފުޅުވަނީ ސީރިޔާއިން އެއްފަހަރާ އެމެރިކާ ސިފައިން ބޭލުމުގެ ބަދަލުގައި މަޑުމަޑުން ގޮސް އެކަންކޮށް ނިންމުމަށެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ ފެބްރުއަރީ މަސް ނިމުމާއެކު މެޓިސް ޝަރްފެވެރިކަމާއެކު މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ޓްރަމްޕް ވަނީ މެޓިސްއަކީ އެހެން ގައުމުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމުގައި އެމަނިކުފާނަށް ވަރަށް ބޮޑު އެހީތެރިވެވެވަޑައިގެންނެވި ބޭފުޅެއްކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.
ޑިފެންސް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅެއް ރައީސް ޓްރަމްޕް އިއުލާނުކުރައްވާފައިނުވާއިރު އެ މަނިކުފާނު ވިދާޅުވެފައިވަނިީ އެ މަގާމަށް އައްޔަން ކުރައްވާ ބޭފުޅަކު ވަރަށް އަވަހަށް އިއުލާނުކުރެވިގެންދާނެ ކަމަށެވެ.
އިސްތިއުފާގެ ސިޓީގައި މެޓިސްވަނީ ޑިފެންސް ސެކްރެޓެރީގެ މަގާމުގައި ރައީސްއާ ވިސްނުން ދިމާވާ ބޭފުޅަކު ބެހެއްޓެވުމުގެ ހައްގު ރައީސްއަށް ލިބިވަޑައިގަންނަވާނެ ކަމަށާއި އެ މަނިކުފާނު ގަބޫލުކުރައްވާގޮތުގައި އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ވިދާޅުވެފައެވެ.