ނަސަންދުރަ ޕެލަސް ހޮޓަލް ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި ގެލެކްސީ އެންޓަޕްރައިޒަސް ދެމެދު ވެފައިވާ އެއްބަސްވުން އުވާނުލި ނަމަ ދައުލަތަށް މާ ބޮޑު ފައިދާއެއް ކުރާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން ބުނީ އެއްބަސްވުން އުވާނުލައި މުއްދަތު އިތުރު ކުރިނަމަ، ދައުލަތަށް ހަތަރު މިލިއަނަށް ވުރެ ގިނަ ޑޮލަރު (61 މިލިއަން ރުފިޔާ)ގެ ފައިދާއެއް ދައުލަތަށް ލިބޭނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރި އާއި ގެލެކްސީ އެންޓަ ޕްރައިޒަސް ދެމެދު ވެފައި ވަނީ އަށް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. ނަމަވެސް އެއެއްބަސްވުން އުވާލުމަށްފު އެ ބިން އެމްއެމްޕީއާރުސީގެ ދަށަށް ބަދަލުކޮށް، 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ އެންޕީއެޗް އިންވެސްޓްމެންޓާ ނަސަންދުރާ ހަވާލުކޮށްފަ އެވެ.
ނަސަންދުރަ ހުރި ބިމާއި އެ ބިމާ އިންވެގެން އޮތް އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިމާއެކު 50 އަހަރަށް ކުއްޔަށް ދޫކުރީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އޭސީސީން ބުނީ އެ ދެބިން 50 އަހަރަށް ކުއްޔަށް ދިނީ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގައި ކަމަށެވެ.
އޭސީސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނަސަންދުރާ ތަރައްގީކޮށް ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީއާ ހަވާލުކުރީ ޓޫރިޒަމާ ބެހޭ ގާނޫނާ ހިލާފަށް އިއުލާން ކުރުމަކާ ނުލައި ކަމަށެވެ. އަދި ގެލެކްސީއާއެކު ހެދި އަށް އަހަރު ދުވަހުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފަހު، އެމްއެމްޕީއާރުސީ މެދުވެރިކޮށް އެންޕީއެޗް އިންވެސްޓްމެންޓްއަށް ބިމުގެ ލީސް ހޯލްޑް ރައިޓްސް ވިއްކާލާފައިވާ ކަން އެނގެން އެބައޮތް ކަމަށް ވަނީ ބުނެފައެވެ.
ޓޫރިޒަމް މިނިސްޓްރީން ނަސަންދުރަ ޕެލަސް ހޮޓަލް ހިންގުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެންޕީއެޗް އިންވެސްޓްމެންޓާއި ދެމެދު ވެފައިވާ އެއްބަސްވުން މިހާރު އޮތް ގޮތުން، ނަސަންދުރަ ޕެލަސް ހޮޓަލް ރީޑިވެލޮޕްކުރުން މަނާކުރާތީ، އޭގެ ސަބަބުން އެ ކުންފުންޏަށް ލިބެންޖެހޭ ފުރިހަމަ މަންފާ ނުލިބޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އޭސީސީން މިހާރު އަލުން ނަސަންދުރާގެ މައްސަލަ ބަލަން ފަށާފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލުން އަނބުރާ އެ މައްސަލަ އެ ކަމިޝަނަށް ފޮނުވާފައި ވަނިކޮށެވެ. އަނބުރާ އެ މައްސަލަ ޕީޖީން އޭސީސީއަށް ފޮނުވާފައި ވަނީ ސައްހަ އެއްބަސްވުމެއް ކަމަށާއި އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށާއި، ދައުވަ ކުރާނެ އަސާސެއް އޮތް ކަމަށް ނުފެންނަ ކަމަށް ބުނެއެވެ. އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލީ މި އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ.