ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުން ފުއްދަންޖެހޭ 12 ވައުދުގެ ތެރެއިން ފަސް ވައުދެއް ފުރިހަމަކޮށްފި ކަމަށް އެ އޮފީހުން ބުނެފި އެވެ.
ބުރާސްފަތި ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ފުރިހަމަ ކުރެވުނު ފަސް ވައުދުގެ ތެރޭގައި،
- ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދުމަށް، ބަދަލުކޮށް/ފާސްކޮށްފައިވާ ޤާނޫނުތައް ބަލައި މުރާޖަޢާކުރަން ފެށުން.
- ދިވެހި ދައުލަތް ދަރަނިވެރިވެ، ޤައުމުގެ ސިޔާދަތަށް ގެއްލުންވާނެ އުޞޫލެއް ނެގިފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރަން ފެށުން.
- ރިޝްވަތު ހިފާ މީހާއާ އެއްވަރަށް ރިޝްވަތުދޭ މީހާވެސް ކުށްވެރިވާގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ބަދަލުގެނައުން.
- ވިސްލް ބޮލޮވަރ ޕްރޮޓެކްޝަން ބިލެއް މަޖިލީހަށް ހުށަހެޅުން.
- ނުޙައްޤު މުއްސަނދިވުން ހުއްޓުވުމަށް ބިލެއް މަޖިލީހަށް ހުށަހެޅުން، ހިމެނެ އެވެ.
މި ވައުދުތަކާ ގުޅިގެން އަލަށް އެކުލަވާލަންޖެހޭ ޤާނޫނުތަކާއި، ޢަމަލުކުރެވެމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާހު ގެންނަންޖެހޭ ޤާނޫނުތައް ފާހަގަކޮށް، ކަމާގުޅޭ ބިލުތައް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ނިންމެވުމަށް ކަނޑައަޅުއްވާފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ފުރިހަމަކުރެއްވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ބިލުތައް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށައި، ކުރަންޖެހޭ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ބުނެ އެވެ.
"އެގޮތުން މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙުގެންނަންޖެހޭ 11 ގާނޫނެއް މިހާތަނަށް ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 10 ބިލެއްގެ ދެލިކޮޕީ މިހާރު ވަނީ އެކުލަވާލައި ނިމި، ބައެއް ބިލު ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާ ނިމިފައެވެ. އަދި މުޅިން އަލަށް އެކުލަވާލަންޖެހޭ 5 ޤާނޫނަކާ ގުޅޭ ބިލު އެކުލަވާލަން އޮތްއިރު، އޭގެ ތެރެއިން 1 ބިލު މިހާރު ވަނީ މަސައްކަތް ނިމި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
އިތުރު ދެ ބިލެއް މިހާރު އުޅެނީ އެކުލަވާލުމުގެ ފަހު މަރުޙަލާގައި ކަމަށާއި އެހެން ދެ ބިލެއް ވެސް އެކުލަވާލުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.