އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ތިމަރަފުށި ދާއިރާގެ އެމްޑީޕީގެ ޓިކެޓު ހޯދުމަށްޓަކައި އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ފުރުސަތު އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު މުސްތަފާ އަށް ހަނި ނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމައިފި އެވެ.
އަންނަ މަހު ބާއްވާ އެމްޑީޕީ ޕްރައިމަރީއާ ގުޅޭ ޝަކުވާ ބަލާ ކޮމެޓީން ބުރާސްފަތި ދުވަހުގެ ރޭ މި ގޮތަށް ނިންމާފައިވަނީ ޕްރައިމަރީގައި މުސްތަފާއަށް އަށް ވާދަނުކުރެވޭނެ ކަމަށް ބުނެ ހުށައެޅި މައްސަލަ ބެލުމަށް ފަހު އެވެ. މުސްތަފާ، 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީ އަށް ވާދަކުރެއްވުމުގައި ސޮއިކުރެއްވި އިގުރާރާ ޚިލާފުވެފައި ވާތީ އަންނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަނުކުރެއްވޭނެ ކަމަށް ބުނެ ހުށައެޅި މައްސަލަ މުސްތަފާ ކޮޅަށް ނިމުނުކަން އޭނާއަށް ވެސް ވަނީ އަންގާފައި އެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު މުސްފަތާއާ ގުޅޭ ޝަކުވާ ހުށައަޅާފައިވަނީ މުސްތަފާ ރަށަށް ނިސްބަތްވާ ނިޝާން އިސްމާއިލެވެ. ނަމަވެސް މުސްތަފާގެ މައްސަލަ ބެލި ކޮމިޓީން ނިންމީ އެމްޑީޕީން މެމްބަރުން ޑިސްކޮލިފައި ކުރަނީ ފިޔަވަޅު އަޅާ ކޮމިޓީ އަށް މައްސަލަ ހުށަހެޅުމުން އެ ކޮމިޓީން ކަމަށެވެ. ޑިސްކޮލިފައި ކުރުމާއި ޕާޓީން ވަކި ކުރުން ފަދަ ފިޔަވަޅު އެޅުމަކީ ޕާޓީގެ ވަކި ގުނަންތަކަކަށް ލިބޭ ބާރަކަށް ވާއިރު މުސްތަފާއާ މެދު ފިޔަވަޅު އަޅަން ޕާޓީން މިހާތަނަށް ނިންމާފައި ނުވާކަން ކޮމެޓީން ފާހަގަކޮށްފައިވެ އެވެ.
"ވީމާ އިސްވެ ދެންނެވުނު ކަންކަން އެހެން ހުރުމުން، ޕްރައިމަރީގެ ޝަކުވާ ބަލާ ކޮމިޓީން ނިންމާފައި ވަނީ، މުހައްމަދު މުސްތަފާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެ ކޮމިޓީ އަށް ހަނި ނުކުރެވޭނެ ކަމަށެވެ،" މައްސަލަ ނިންމި ގޮތުގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީގެ އިންތިހާބާބެހޭ ގަވާއިދުގެ 51 ވަނަ މާއްދާގައި ބުނެފައި ވަނީ ގައުމީ އިންތިހާބަކަށް ކުރިމަތިލުމަށް ބާއްވާ ޕްރައިމަރީގެ އިގުރާރާ ހިލާފުވުމަކީ ކުށެއް ކަމަށެވެ. އަދި ބުނެފައި ވަނީ އެ މާއްދާއާ ހިލާފުވެއްޖެ ނަމަ އަދަބަކީ އެއް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޕާޓީގެ އެއްވެސް މަގާމަކަށް ކުރިމަތިލުން މަނާ ކުރުން ނުވަތަ ޕާޓީން ވަކި ކުރުން ކަމަށެވެ.
އެމްޑީޕީގެ ޓިކެޓްގައި 2014 ވަނަ އަހަރު ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު އޭނާ ވަނީ އޭރުގެ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގެންފައި އެވެ. އަދި އޭގެ ފަހުން އަލުން އަނެއްކާ ވެސް އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު ތިމަރަފުށީ ދާއިރާގެ ޕްރައިމަރީގައި ވަނީ ވާދަކުރައްވާފަ އެވެ.