މަހުޖަނުންގެ ކިބައިން ރައްޔިތުންގެ މަޖިލިސް ސަލާމަތް ކުރަން ގޮވާލައި ހިމޭން މުޒާހަރާއެއް ކޮށްފި އެވެ.
ސިޔާސީ، އިގުތިސާދީ އަދި އިޖްތިމާއީ ގޮތުން ރައްޔިތުން ބާރުވެރިކުރުވުމަށް ހަރަކާތްތައް ހިންގަމުން އަންނަ "ނަވާނަވައި" މޫވްމެންޓުން ބުރާސްފަތި ދުވަހުގެ ރޭ މުޒާހަރާ ކޮށްފައިވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުން ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުން ނިންމާލާފައި ނުކުންނެވި ވަގުތުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހޮޓެލް ޖެން އިން ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވަމުން ދިޔަ ވަގުތު، އެ ސަރަހައްދުގައި ދިޔައީ ޒުވާނުންތަކެއް ހިމޭން މުޒާހަރާއެއް ކުރަމުންނެވެ.
އެ މީހުން ހިފަހައްޓައިގެން ތިބި ބަނަރ ތަކާއި ބޯޑުތަކުގައި ލިޔެފައި ވަނީ މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތްކުރުމަށާއި މާލީ ބަޔާން ހާމަނުކުރާ ފަރާތްތައް މަޖިލިހަށް ނުހޮވުމަށާއި މަހުޖަނުން ވަގަށް ނެގި ރަށްތައް އަތުލުމަށެވެ. އަދި މަޖިލިސް ގޮނޑިއަކީ ގަނެ ވިއްކާ އެއްޗަކަށް ނުހެދުމަށް ވެސް ގޮވާލާފައިވެ އެވެ.
މި ހަރަކާތުގައި އިސްކޮށް ބައިވެރިވި މުހައްމަދު އަހްމަދު ބުނީ ސަރުކާރު ހިންގާ ކޯލިޝަނުން މަޖިލިސް އިންތިހާބުގައި ކުރިމަތިލާން ދާއިރާތައް ކަނޑައެޅުމަކީ ޕާޓީގެ ލީޑަރުންނަށް އެކަނި ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
"އަހަރެމެން މި ބުނަނީ މަދު ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތައް ބޭނުންވާ ގޮތަށް މަޖިލީހުގެ ގޮނޑިތަކެއް ނުބެހޭނެ އޭ. އެއީ ވަރަށް އަންޑިމޮކްރެޓިކް ގޮތެއް. މިކަންކަން މި ގޮތަށް ނުކުރެވޭނެ އަސްލުގައެއް،" މުހައްމަދު އަހްމަދު ބުންޏެވެ.
ބޯޑުތައް ހިފައިގެން ތިބެ މުޒާހަރާކުރިއިރު އެއްވެސް ގޮތަކަށް އަޑު އުފުލާފައެއް ނުވެ އެވެ.
ރައީސް ސޯލިހާއިއެކު ހަތަރު ލީޑަރުން ބޭއްވި ބައްދަލުވުމަކީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނެ ގޮތަކާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ކޯލިޝަނުން ކުރިމަތިލާނެ ގޮތަކާ ގުޅޭ ގޮތުންނާއި އެނޫންވެސް ބައެއް ކަންކަން ހިއްސާ ކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމެކެވެ.