ސަރުކާރާ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ 11،000 އަށްވުރެ ގިނަ މެމްބަރުން އެމްޑީޕީއަށް ބަދަލުވުމަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުން ހޮޓެލް ޖެންގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު ރައީސް ނަޝީދު ވަނީ އެމްޑީޕީން މަޖިލިސް އިންތިހާބަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައި އެވެ. އެ މަނިކުފާނު ވިދާޅުވީ ޕްރައިމަރީ ބޭއްވުމަށް ނިންމުމުން ޕާޓީގެ މެމްބަރުންގެ އަދަދު ވަރަށް ބޮޑު ތަނުން އިތުރުވެގެން ހިނގައްޖެ ކަމަށެވެ.
ޕީޕީއެމްގެ މެމްބަރުން އެމްޑީޕީއާ ގުޅުން ދޭހަ ކޮށްދެނީ އަބަދުވަސް ރައްޔިތުން ބޭނުންވަނީ ސަރުކާރު ހިންގާ ޕާޓީއާއެކު ތިބުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ހަނދާންވާ ގޮތުގައި އިތުރަށް 34،000 ވުރެ ގިނަ މީހުން ޕާޓީއަށް ވަދެއްޖެ. މީގެ ތެރެއިން 11،000 ކޮންމެވެސް ވަރެއް އެއީ ޕީޕީއެމްއިން އެމްޑީޕީއަށް ބަދަލުވި މެމްބަރުން،" ރައީސް މައުމޫނުގެ އަރިހުގައި ހުންނަވައިގެން ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގައި މެމްބަރުންގެ ބަހެއް ލިބިގެން ކުރިއަށް ދެވޭތީ އެކަމާމެދު ފަހުރުވެރިވަޑައިގަންވާ ކަމަށެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ ހުޅުވާލުމުން އެ ޕާޓީގެ ޓިކެޓަށް އެދިފައިވަނީ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަށްކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރަން ބޭނުންވެގެން 280 މެމްބަރުން ވަނީ ކުރިމަތިލާފައި އެވެ. އޭގެ ތެރެއިން 10 ދާއިރާއަކަށް އެންމެ މެމްބަރަކު ކުރިމަތިލާފައިވާތީ ޕްރައިމަރީ އަކާ ނުލާ ޕާޓީގެ ޓިކެޓް ދިހަ މީހަކަށް ވަނީ ކަށަވަރުވެފަ އެވެ.