ސިމެންތި ބަސްތާއަކުން ޖެހި ކުޑަ ކުއްޖަކު ނިޔާވި ހާދިސާ ހިނގާފައިވާ ކޮންސްޓްރަކްޝަން ސައިޓަކީ ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުން ދިޔަ ތަނެއްކަމަށް ވިދާޅުނުވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ވިދާޅުވެއްޖެ އެވެ.
އެ ހާދިސާ ހިނގި ކޮންސްޓްރަކްޝަން ސައިޓަކީ ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ސައިޓެއްކަމަށް މިނިސްޓަރ ވިދާޅުވި ކަމަށް "ވަގަތު އޮންލައިން"ގައި ރިޕޯޓްކޮށްފައިވާތީ އެކަމާއި ގުޅޭ ގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ އެތައް ބަޔަކަށް ހިތާމަ ލިބިގެންދިޔަ ކަމެއްގައި ދޮގު ޚަބަރުތައް ފެތުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އެފަދަ ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފޯރުކޮށްނުދިނުމަށް އަސްލަމް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހަތް އަހަރުގެ އަންހެން ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު މައްސަލައިގައި އެ އިމާރާތުގެ މަސައްކަތް ކުރަމުންދިޔަ ޑަބްލިޔޫ ކޮންސްޓްރަކްޝަނަށް ދީފައިވާ ހުއްދަތައް ހިފަހައްޓައި، އެ ކުންފުނީގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ވަނީ ހުއްޓުވާފައެވެ.
އެ ނިންމުންތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސިޓީ ކައުންސިލުން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު ސަރަހައްދުގައި ބަހައްޓާފައި ހުރި ނުރައްކާ ބޯޑަކީ މިސްކިތެއްގެ އުވަ ޖެހުމަށް އެ ކުންފުންޏަށް ދީފައިވާ ބޯޑެއް ކަމަށެވެ. އެހެންކަމުން ހާދިސާ ހިނގިއިރު، އެ ކުންފުނިން ނުރައްކާ ބޯޑު ބަހައްޓާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ވެއްޓުނު ސިމެންތި ބަސްތާއިން ޖެހި ކުއްޖާ ނިޔާވި މައްސަލަ ފުލުހުން ވެސް ދަނީ ބަލަމުންނެވެ.