އަވައްޓެރި އިންޑިއާއިން ރާއްޖެއާ އޮންނަ ގުޅުން ވަރުގަދަ ކުރުމުން އެމެރިކާ އިން މަރުހަބާ ކިޔާފިއެވެ.
ދާދީ ފަހުން ރާއްޖެ ވަޑައިގަތް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ޑޭވިޑް ޖޭ. ރޭންޒް އިންޑިއާގެ ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ އެކީ އިންޑި އާއި ރާއްޖެއާ ދެ ގައުމު ދެމެދު ހީނަރުވެފައިވާ ގުޅުން ވަރުގަދަ ވެގެން ދިޔަ ދަތުރެއް ކަމަށް އެމެރިކާ އިން ގަބޫލު ކުރާ ކަމަށެވެ.
މީގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް ދީފައިވާ އެހީތަކަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. ދެކުނު އަދި މެދުތެރޭ އޭޝިއާއާ ބެހޭ އެމެރިކާގެ އެންމެ އިސްވެރިޔާ ރޭންޒް ވިދާޅުވީ، ރާއްޖޭގެ ވެރިކަން ބަދަލު ކުރުމުގެ ކަންތައް ދިޔައީ ޑިމޮކްރެޓިކް އުސޫލުން ކަމަށާއި އެމެރިކާއިން އެކަން ވަރަށް ބޮޑަށް ފާހަގަ ކުރާކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުން 100 ދުވަހު ކުރައްވަން ވައުދުވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ އިތުރުން އެހެނިހެން ކަންތައްތަކަށް އެމެރިކާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރޭންޒް ވަނީ ވިދާޅުވިއެވެ.
ރޭންޒް ވަނީ ޑިސެމްބަރު މަހު 11 ވަނަ ދުވަހު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައިއެވެ. ރޭންޒްގެ ދަތުރުފުޅުގައި އޭނާ ވަނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުރުން ސަރުކާރުގެ އެހެން ބައެއް އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ދެމެދު އޮތް ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
ރައީސް ސޯލިހު ވަނީ މި ހަފްތާގައި އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފައިއެވެ. އެ ދަތުރުފުޅުގައި، ރާއްޖެ އާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ރައީސް ސޯލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އެ ދަތުރުފުޅުގައި ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ތިއްބެވީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅު ރާޝްތުރަޕަތީ ބަވަންގައެވެ.