ބުރާސްފަތި ދުވަހަކީ ޖަޕާނަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ތިން ވަޒީރުންނަށް 'ބިޒީ' ދުވަހެކެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިސްކޮށް ހުންނަވައި ކުރައްވާ މި ދަތުރުފުޅުގައި ދެން ބައިވެރިވެވަޑައިގަންނަވަނީ އިޤްތިޞާދާ ބެހޭ ވަޒީރު ފައްޔާޒް އިސްމާއީލާއި، މާލީ ވަޒީރު އިބްރާހިމް އަމީރެވެ.
ބުދަ ދުވަހު ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް ވަޑައިގެންނެވި އެ 3 ބޭފުޅުން ވަނީ ގިނަ އަދަދެއްގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.
އެގޮތުން ތިން ވަޒީރުން ވަނީ ޖަޕާނުގެ ތިމާވެއްޓާ ބެހޭ ވަޒީރު ޔޮޝިއާކީ ހަރާޑާއާ ބައްދަލުކުރައްވައި، ރާއްޖެއަށް ތަފާތު އެކި ދާއިރާތަކުން އެހީތެރިކަން ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ މިބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލުމަށް ޖަޕާނުން އިސްނަގައިގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވި ކަމަށެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށް ރާއްޖޭގައި ހިންގަން ޖެހޭ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމްތައް ޤާއިމްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ޚާރިޖިއްޔާ އިން މައުލޫމާތު ދެއެވެ.
ޚާރިޖީ ވަޒީރު ޝާހިދު ވަނީ ޖަޕާނުގެ ޚާރިޖީ ވަޒީރު ޓާރޯ ކޯނޯއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވެސް މިނިސްޓަރ އަމީރާއި، މިނިސްޓަރ ފައްޔާޒް ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި 2007 ވަނަ އަހަރު ޖަޕާނުގައި ދިވެހި އެމްބަސީ ހުޅުއްވައިދެއްވަން ވަޑައިގެންނެވިކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ތިން ވަޒީރުން ވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ ނައިބު އަދި މާލީ ވަޒީރު ޓާރޯ އަސޯއާ ބައްދަލުކުރައްވައި، ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ކުރިއަށްގެންދިޔުމަށް ޖަޕާނުން އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާއެވެ. އަދި ޖަޕާނުގެ އިޤްތިޞާދާއި ސިނާޢަތާ ބެހޭ ވަޒީރު ހިރޮޝިގޭ ސެކޯއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
ޚާރިޖީ ޖަޕާނުގައި ތިއްބެވި ދިވެހި ވަޒީރުން ވަނީ ޖަޕާނުގެ އެކްސްޓަރނަލް ޓްރޭޑް އޯގަނައިޒޭޝަންގެ ރައީސް އަކަހޯޝީ އާއި، އެޖަމްއިއްޔާގެ ނައިބު ރައީސް ނޮގޫޗީއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޖަޕާނުގެ އިންވެސްޓަރުން ރާއްޖެއަށް ގެނައުމާ ބެހޭ ގޮތުންނާއި ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މި ދަތުރުފުޅުގައި ވަޒީރުން ވަނީ ޖަޕާން – މޯލްޑިވްސް ޕާލަމެންޓްރީ ލީގުގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ. އަދި ރާއްޖެ އާއި ޖަޕާނުގެ މެދުގައި އޮތް ޒަމާންވީ ގުޅުމާ ބެހޭ ގޮތުން މެމްބަރުންނާ އެކު މަޝްވަރާ ކުރެވުނެވެ. ކެބިނެޓަށް ވަޑައިގެންނެވުމުގެ ކުރިން މިނިސްޓަރ ޝާހިދާއި މިނިސްޓަރ ފައްޔާޒަކީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.
މިނިސްޓަރ ޝާހިދު ވަނީ މި ދަތުރުފުޅުގައި ޖަޕާނުގެ އެމްޕެރަރގެ އުފަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ޓާރޯ ކޯނީ ބޭއްވެވި ޙަފްލާގައި ބައިވެރިވެވަޑައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ދިވެހި ރައްޔިތުންގެ ފަރާތުން އެޕްރެރަރ އަށް ހެޔޮ އެދުން ދަންނަވާފައެވެ.
ބުރާސްފަތި ދުވަހު ތިން ބޭފުޅުން ވެސް ވަނީ ޖަޕާން ނެޝަނަލް ޕްރެސް ކްލަބުގައި އެޤައުމުގެ މީޑިއާ އާއި ބައްދަލުކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި މާލީ ވަޒީރު އަމީރު އަދި އިޤްތިޞާދާއި ބެހޭ ވަޒީރު ފައްޔާޒް ވަނީ މީގެ ކުރިން އިންޑިއާ އަށް ވެސް އެކުގައި ވަޑައިގެން، ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި އެ ތިން ބޭފުޅުންގެ ދަތުރުފުޅަށް ފަހު ރައީސް ސޯލިހް އިންޑިއާއަށް ވަޑައިގެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައި، ބޮޑެތި އެހީތަކެއް ވަނީ ހޯއްދަވާފައެވެ.