ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުފުޅުތަކާއި ގުޅޭ ދެ ބިލަކާއި އިތުރު ހަތަރު ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފިއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުފުޅާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ދެ ބިލުގެ ތެރެއިން އެއް ބިލަކީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލް ތަސްދީޤު ކުރެއްވުމާ ގުޅިގެން، ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ ތަކެތީގެ ތެރެއިން، ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއިން ޢާންމުކޮށް ޝާއިޢުކުރާ ތަކެއްޗަށް އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ.
ބުރާސްފަތި ދުވަހު ތަސްދީގު ކުރެއްވި ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކާއި ގުޅޭ އަނެއް ބިލަކީ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލް ތަސްދީޤު ކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގައި މަސްވެރިކަންކުރާ މަސްދޯނިފަހަރުގައި ބޭނުންކުރާ ޑީސެލުންނާއި، ޢާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ދޭ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސެލުން ނަގާ އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ބުރާސްފަތި ދުވަހު ތަސްދީޤުކުރެއްވި އެހެން ބިލްތަކަކީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. އެ ބިލް ތަސްދީޤްކުރެއްވުމާއެކު އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ބާރުތައް ލިބިގެންދާނެ އެވެ.
ޓޫރިޒަމްގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޓޫރިސްޓް ބޭނުމަށް ރިސޯޓު ހެދުމަށް ދޫކުރާ ރަށްރަށާއި ބިމާއި ފަޅުތަކުގައި ކުރާ މަސައްކަތްތަކާ ގުޅިގެން އެ ތަންތަނުގެ ވެއްޓަށް ދާއިމީ ބަދަލު އަތުވެދާނެ ފަދަ ކަމެއް މެދުވެރިވެދާނެތޯ ބެލުމުގެ ޒިންމާ ގާނޫނުގެ ދަށުން މަތިކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީއާ އެވެ. އެކަމަކު، ބިލް ތަސްދީޤްކުރެއްވުމާއެކު ޓޫރިޒަމް މިނިސްޓްރީގައި މިހާރު އޮތް ބާރު އަތުލައި ތިމާވެއްޓާ ބެހޭ ވުޒާރާ އަށް އެ ބާރު ބަދަލުވެގެންދާނެ އެވެ.
އޭގެއިތުރުން ތަސްދީޤްކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލްގެ އިތުރުން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.
މީގެ ކުރިން ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނަރު އޮފް ޕްރިޒަންއަކަށް އައްޔަން ކުރެވޭނީ ކަރެކްޝަނަލް ސާވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން އޮފިސަރެކެވެ. އަދި އެމަގާމަށް ބޭފުޅުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ވަނީ ބުނެފަ އެވެ. ނަމަވެސް ރައީސް ސޯލިހް ބުރާސްފަތި ދުވަހު ތަސްދީޤްކުރެއްވި ބިލާއެކު ކޮމިޝަނަރު އޮފް ޕްރިޒަންއަކަށް އައްޔަން ކުރާ ބޭފުޅާ އަކީ ކަރެކްޝަނަލް ސާވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން އޮފިސަރަކަށް ވާކަށް ނުޖެހެ އެވެ.
ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް އިސްލާހު ރައީސް ތަސްދީޤްކުރެއްވުމާއެކު ދިވެހި ބަހުގެ އެކެޑެމީގެ ބެލެނިވެރި ފަރާތަކީ ހެރިޓޭޖު މިނިސްޓްރީ އެވެ. މީގެ ކުރިން ދިވެހި ބަހުގެ ގާނޫނުގައި ބުނެފައިވަނީ އެކެޑެމީގެ ބެލެނިވެރި ފަރާތަކީ އެޑިއުކޭޝަން މިނިސްޓްރީ ކަމަށެވެ.