ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުކޮށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އާ ގުޅިގެން ބޭއްވި ޔޫތު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލައި، އެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގައި ބުރާސްފަތި ދުވަހު އޮތް ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު، މި ޕްރޮގްރާމް ހިންގާފައި ވަނީ ތިން ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ ކޮންސްޓްރަކްޝަން މެނޭޖްމަންޓް، ބިލްޑިންގް މެއިންޓަނެންސް މެނޭޖްމަންޓް، އަދި ލޭންޑް ސާރވޭއިންގއެވެ.
ޖުމުލަ 24 ބައިވެރިންނާ އެކު ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ނިންމާފައިވާ 18 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 10 ބައިވެރިންނަށް އެޗްޑީސީން ވަޒީފާ ހަމަޖައްސައި ވަޒީފާ ލިބުނު ކަމުގެ ލިއުން ވަނީ ހަވާލުކޮށްފައެވެ. އޭގެ އިތުރުން އެޗްޑީސީގެ ފަރާތުން އެ ޕްރޮގްރާމްގައި ބައިވެރިވި 6 ބައިވެރިންނަށް ވެސް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މިދިޔަ އަހަރުން ފެށިގެން ޒުވާނުންނަށް ޚާއްސަކޮށްގެން އެޗްޑީސީން ހިންގާ މި ޕްރޮގްރާމްގެ މަޤްސަދަކީ ޒުވާނުން ތަމްރީނުކޮށް މަސައްކަތުގެ މާހައުލަށް އަހުލުވެރި ކުރުން ކަމަށް އެޗްޑީސީން ބުނެއެވެ.