މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުފެއްދުމަށްޓަކައި ބާއްވާ ޖަލްސާ މިމަހުގެ 24 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވުމަށް ތައްޔާރު ވަމުންދާ ކަމަށް އެޕާޓީން ބުނެފިއެވެ.
ރާއްޖެ އެމްވީއާއި ވާހަކަ ދައްކަވަމުން އެމްޓީޑީގެ މުސްތަޝާރު އިސްމާއިލް އާސިފު ވިދާޅުވީ އެ ޕާޓީ އުފެއްދުމުގެ ގޮތުން ބާއްވަންޖެހޭ ފުރަތަމަ ޖަލްސާ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 21:00 ގައި ދަރުބާރުގޭގައި ބޭއްވުމަށް ނިންމާ އެކަމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
އާސިފް ވިދާޅުވީ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދު ފާސްކުރުމާއި ޕާޓީގެ ކައުންސިލަށް މެމްބަރުން ހޮވުން އޮންނާނެ ކަމަށާއި އެ ޖަލްސާއަށް ބައެއް ފަރާތްތަކަށް ދައުވަތު އެރުވިގެންދާނެ ކަމަށެވެ
އެމްޓީޑީ އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ދެއްވާފައި ވާއިރު ޕާޓީ އުފެއްދުމުގެ ހުއްދަ ދެއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
އެމްޓީޑީ އަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބެވެ.
ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވެސް ވަނީ އެޕާޓީއަށް ސޮއިކުރައްވާފައެވެ. އަދި ބައެއް ކައުންސިލަރުންނާއި ގިނަ އަދަދެއްގެ ޒުވާނުން ވަނީ މިހާތަނަށް އެމްޓީޑީ އަށް ސޮއި ކޮށްފައެވެ.
ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީ ކޮށްފައި އޮތީ ހަ ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަދި އެމްޑީއޭއެވެ.
ދެ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު ނަން އެކަށީގެން ނުވާތީ ދެ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެކޮމިޝަނުން ދީފައެއް ނުވެއެވެ. އެ ދެ ޕާޓީއަކީ ދަ ގްރޭޓް ގްރީން ކަނެކްޝަން ނަމަކަށް ކިޔާ ޕާޓީއަކާއި މޯލްޑިވްސް އެކްޝަން ޕާޓީއެވެ.