އިނގިރޭސިވިލާތުގެ ދެވަނައަށް އެންމެ ބާރު ބޮޑު އެއަރޕޯޓު ކަމުގައިވާ ލަންޑަންގެ ގެޓްވިކް އެއަރޕޯޓު ސަރަހައްދުން ދެ ޑްރޯން ފެނުމާއި ގުޅިގެން، އެއަރޕޯޓު ބަންދުކޮށްފިއެވެ.
ބުދަ ދުވަހު އެއަރޕޯޓު ބަންދު ކުރެވުނު އިރު، އަހަރުގެ މި ދުވަސްވަރަކީ ފިނި މޫސުމުގެ ޗުއްޓީއަށް ގިނަ މީހުންތަކެއް ދަތުރު ކުރަމުންދާ ދުވަސްވަރެކެވެ.
— Gatwick Airport LGW (@Gatwick_Airport) December 20, 2018
ޑްރޯންތައް އިތުރުވުމުގެ ސަބަބުން ފްލައިޓެއްގައި ޖެހި، ކަމެއް ދިމާ ވެދާނެ ކަމުގެ ބިރު ބޮޑުވުމާއި ގުޅިގެން، އެއަރޕޯޓު ވަށައިގެން 1 ކިލޯމީޓަރުގެ ސަރަހައްދެއްގައި ޑްރޯން ދުއްވުން އޮތީ އިނގިރޭސި ސަރުކާރުން މަނާކޮށްފައެވެ. އަދި އެއަރޕޯޓަށް ޖައްސަން ހުރި ފްލައިޓަތައް ވަނީ ކައިރީގައި ހުރި އެހެން އެއަރޕޯޓުތަކަށް ފޮނުވާލާފައެވެ.
އިނގިރޭސިވިލާތުގެ ފުލުހުން ބުނެފައި ވަނީ ޑްރޯންތައް ފެނުނު ކަމަށް ބުނާ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެއަރޕޯޓުގައި ތިބި ދަތުރުވެރިން ދަނީ ފުރޭނެ ވަކި އިރެއް ނޭނގޭތީ އެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިހާ ބާރު ބޮޑު ދުވަސްވަރެއްގައި އެހެން އެއަރޕޯޓުތަކަށް ފްލައިޓްތައް ފޮނުވާލަން ޖެހުމާއި ގުޅިގެން އެ އެއަރޕޯޓުތަކަށް ވެސް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
މިހާ ތަނަށް އަދި ޑްރޯންއަކާއި ފްލައިޓެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައި ނުވިޔަސް، ދާއިރާގެ ތަޖުރިބާކާރުން ބުނެފައި ވަނީ ޑްރޯންއެއް ފްލައިޓެއްގައި ޖެހިއްޖެ ހާލަތެއްގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ފްލައިޓަށް ލިބޭނެ ކަމަށެވެ.