ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ބްރޯޑްކާސްޓިން ކޮމިޝަނުން ޖޫރިމަނާކުރީ ރަނގަޅަށް ކަމަށް ސިވިލްކޯޓުން ހުކުމް ކޮށްފިއެވެ.
ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވަނީ 28 ޖުލައި 2017 ވީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީ އިން ގެނެސްދިން "މިރައީސް" ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުފާއަށް ގޮވާލައި މުސްތަފާ ދެއްކެވި ވާހަކައިގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ހިމެނޭ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ނޮވެމްބަރު 5، 2017 ވަނަ ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ކުރި ޖޫރިމަނާގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހުއެވެ. އެ މައްސަލައިގައި އިއްވި ހުކުމުގައި ބުނެފައިވަނީ ރާއްޖެ ޓީވީގެ ކޮންޓެންޓްގައި އަބުރުގެ ގާނޫނާ ހިލާފު ކޮންޓެންޓް ހިމެނޭ ކަމަށާއި އެހެންވެ، ބްރޯޑްކާސްޓިން ކޮމިޝަނުން ޖޫރިމަނާކުރީ ރަނގަޅަށް ކަމަށެވެ.
މިރައީސް ޕްރޮގްރާމްގައި މެމްބަރު މުސްތަފާ ދެއްކެވި ވާހަކައާ ގުޅިގެން ޕޮލިހުން މައްސަލަ ބަލަމުން ދިޔަ ނަމަވެސް، އެ މައްސަލައިގައި މެމްބަރު މުސްތަފާ ޕޮލިހަށް ހާޒިރެއް ނުކުރެ އެވެ.
ފަސް ލައްކަ ރުފިޔާގެ ޖޫރިމަނާގެ އިތުރުން 1 މިލިއަން ރުފިޔާ އާއި 2 ލައްކަ ރުފިޔާ އިން އަދި ދެ ލައްކަ ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައިވެ އެވެ. އަބުރުގެ ގާނޫނުގެ ދަށުން، ހަތަރު ފަހަރެއްގެ މަތިން ރާއްޖެ ޓީވީ ކުރި ޖޫރިމަނާގެ އަދަދު 3.7 މިލިއަން ރުފިޔާއަށް އަރައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހު އަބުރުގެ ގާނޫނު ވަނީ އުވާލައިފަ އެވެ.