ކ. މާލެ
|
11 ފެބްރުއަރީ 2017 | ހޮނިހިރު 03:07
ރައީސް ޑޮނަލްޑް ޓްރަމްޕް
ރައީސް ޑޮނަލްޑް ޓްރަމްޕް
ގޫގުލް
ރައީސް ޓްރަމްޕް
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
މުސްލިމުން އެމެރިކާއަށް އެރުން މަނާ ކުރުމުގެ ރިޔާސީ ގަރާރަށް އެމެރިކާގެ ޝަރުއީ ނިޒާމުން ދަނީ ހުރަސް އަޅަމުން

މިދިޔަ ޖެނުއަރީ 27 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް އަމުރެއް ނެރުއްވުމާ އެކު ގިނަ ބަޔަކަށް ސިހުން ލިބެގެން ދިޔައެވެ. ބަވަނަވެފައިވާ ދުނިޔެއެއްގައި އެމެރިކާ ފަދަ ތަހުޒީބީ މުޖުތަމައަކަށް، ކޮންމެ ސަބަބަކާ ހެދި ވިޔަސް ބަޔަކަށް އަންނަން ބޮޑު ހުރަހެއް ކުރިމަތިވުމުންނެވެ. ރައީސް ޓްރަމްޕްގެ އަމުރާއެކު މުޅި އެމެރިކާގައި އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ފެށިގެން ދިޔައެވެ. އަދި ބައިނަލްއަގްވާމީ ފާޑުކިޔުންތައް އިންތިހާއަށް ރައީސް ޓްރަމްޕް އަށާއި ސަރުކާރަށް އަމާޒުވަމުން ދިޔައެވެ.

ދެން ފެނިގެން ދިޔައީ އެމެރިކާގެ ޝަރުއީ ނިޒާމުން މި އަމުރު ނުވަތަ އަމުރުގެ ބައިތަކަށް "ނޫން" ބުނަން ފެއްޓި މަރުހަލާއެވެ. އެގޮތުން ޖެނުއަރީ 28 ވަނަ އިވިގެން ދިޔަ އަޑަކީ ނިއު ޔޯކްގެ ފެޑެރަލް ފަނޑިޔާރަކު ރައީސް ޓްރަމްޕް އަމުރުގެ އެއް ބައި "ބްލޮކް" ކުރެއްވި ތަނެވެ. އެއަށްފަހު ޖެނުއަރީ 29 ވަނަ ދުވަހުވެސް ފެނިގެން ދިޔައީ ފަނޑިޔާރަކު ރައީސް ޓްރަމްޕްގެ އަމުރުގެ އެއްބައި "ބްލޮކް" ކުރެއްވި ތަނެވެ. މިފަހަރު މެސަޗޫސެޓްސް ގެ ފެޑެރަލް ފަނޑިޔާރެކެވެ.

ރައީސް ޓްރަމްޕް، މުސްލިމު ހަތް ގައުމެއް ކަމަށްވާ އިރާން، އިރާގު، ލީބިއާ، ސޮމާލިއާ، ސޫދާން، ސީރިއާ އަދި ޔަމަންގެ ރައްޔިތުން އެމެރިކާއަށް އައުން މަނާ ކުރުމުން، ފާޑު ކިޔުމާއި ނަފްރަތު އަމާޒުވަމުން ދިޔައަސް، ރައީސް ޓްރަމްޕް އެމަނިކުފާނުގެ ނިންމުން ކެނޑިނޭޅި ދަނީ ދިފާއު ކުރައްވަމުންނެވެ. އެގޮތުން ޖެނުއަރީ 29 ވަނަ ދުވަހު ނެރުއްވި ބަޔާން ފާހަނގަކޮށްލެވެއެވެ. އެ ބަޔާނުގައި ރައީސް ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު އެކަން ކުރެއްވީ ޓެރަރިސްޓުންގެ ކިބައިން ގައުމު ސަލާމަތް ކުރެއްވުމަށް ކަމަށެވެ. އަދި ނެރުއްވި އަމުރަކީ ދީނާ ގުޅުފައިވާ ކަމެއް ނޫން ކަމަށާއި އެއީ ޓެރަރިޒަމާއި ގުޅިފައިވާ ކަމެއް ކަމަށާއި މިއީ އެމެރިކާ ރައްކާތެރިކޮށް ބޭއްވުމާއި ގުޅިފައިވާ އަމުރެއް ކަމަށެވެ. ރައީސް ޓްރަމްޕް ނެރުއްވި އަމުރަށް ކުރީގެ އެމެރިކާ ރައީސް ބަރަކް އޮބާމާ ވެސް ވަނީ ފާޑުވިދާޅުވެފައެވެ. އޮބާމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބައެއްގެ އަގީދާއާއި ދީނަށް ރިއާޔަތް ކޮށް ތަފާތުކުރުމަކީ ރައީސް އޮބާމާ ދެކޮޅު ކަމެއް ކަމަށެވެ.

ޖެނުއަރީ 30 ވަނަ ދުވަހު ރައީސް ޓްރަމްޕް ވަނީ، ނެރުއްވި އަމުރު ދިފާއު ނުކޮށްދެއްވީތީ   އެކްޓިން އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނެވި ސެލީ ޔޭޓްސް މަގާމުން ވަކިކުރައްވާފައެވެ.

ރައީސް ޓްރަމްޕް އަށް އެންމެ ސިހުން ގެނުވި ހާދިސާ ކުރިމަތިވީ ފެބުރުއަރީ ތިނެއްގައެވެ. އެއީ ޓްރަމްޕް ނެރުއްވި އަމުރަށް ވަގުތީ ގޮތުން އަމަލު ކުރުން ހުއްޓާލުމަށް އެމެރިކާގެ ޑިސްޓްރިކްޓް ފަނޑިޔާރަކު ނެރުއްވި އަމުރެވެ. ވޮޝިންޓަންގެ ޑިސްޓްރިކްޓް ފަނޑިޔާރު ޖޭމްސް ރޮބާޓް ނެރުއްވި އަމުރުގައި، ފަނޑިޔާރު ވިދާޅުވެފައި ވަނީ ޓްރަމްޕުގެ އަމުރުގެ ސަބަބުން ވަޒީފާ އަދާކުރާ މީހުންނާއި، ތައުލީމާއި، ވިޔަފާރިއާއި، އާއިލީ ގުޅުންތަކާ އަދި ދަތުރުފަތުރު ކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ ކަމަށެވެ.

އެމެރިކާ އަށް މުސްލިމް ހަތް ގައުމެއްގެ މީހުން ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރުން ހުއްޓުވުމަށް ވޮޝިންޓަންގެ ޑިސްޓްރިކްޓް ކޯޓުން ނެރެފައިވާ އަމުރަށް، އިސްތިއުނާފް ކޯޓުން ފެބުރުއަރީ ނުވަވަނަ ދުވަހު ތާއިދު ކުރުމުން، ގިނަ ބައެއްގެ ހިތުގައި ދެން ވާނެ ގޮތަކާއި މެދު ވަނީ ސުވާލު އުފެދިފައެވެ. ސެން ފްރެންސިސްކޯގެ ނައިންތު ސާކިޓް ކޯޓް އޮފް އެޕީލްސްގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުމުގައި އޮތް ނުރައްކަލެއް ސަރުކާރުން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އިސްތިއުނާފް ކޯޓުގެ ނިންމުމާ އެކު އިރާން، އިރާގު، ލީބިއާ، ސޮމާލިއާ، ސޫދާން، ސީރިއާ އަދި ޔަމަން މީހުން ސައްހަ ވިސާއާ އެކު ކުރިއެކޭ އެއްގޮތަށް އެމެރިކާ އަށް ދަތުރު ކުރެވޭނެ އެވެ.

ކޯޓުގެ ނިންމުމާ ގުޅިގެން ޓްރަމްޕް ވަނީ ހުކުމަށް ފާޑު ވިދާޅުވެފަ އެވެ. ރައީސް ޓްރަމްޕަށް، ނައިންތު ސާކިޓް ކޯޓް އޮފް އެޕީލްސް އިން ނިންމި ނިންމުން ރިވިއު ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅިދާނެއެވެ. ފުރުސަތު އެބައޮތެވެ. ޔަގީންވާ ކަމަކީ ރައީސް ޓްރަމްޕަށް ކުރިއަށް އޮތީ ދަތި ދުވަސްތަކެއް ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް