ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ޕްރައިމަރީ ބާއްވަން ނުޖެހޭ 10 ދާއިރާ އެ ޕާޓީން ބުރާސްފަތި ދުވަހު އިއުލާނުކޮށްފި އެވެ.
އެމްޑީޕީ އޮފީހުން ބުނި ގޮތުގައި މަޖިލިސް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ބުދަ ދުވަހުގެ 4:00 އަށް ހަމަވާއިރު އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން ޕްރައިމަރީ ބާއްވަން ނުޖެހޭ 10 ދާއިރާ އަކީ، ހޯރަފުށި ދާއިރާ އާއި ބާރަށު ދާއިރާ އާއި ދިއްދޫ ދާއިރާ އާއި މިލަންދޫ ދާއިރާ އާއި އަލިފުށި ދާއިރާ އާއި މަހިނބަދޫ ދާއިރާ އާއި ފުވައްމުލަށް އުތުރު ދާއިރާ އާއި ގަލޮޅު އުތުރު ދާއިރާ އަދި މާފަންނު އުތުރު ދާއިރާ އެވެ.
ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންނަށް ވޯޓު ލެވޭނީ މި މަހުގެ 7 ވަނަ ދުވަހުގެ 11:00 ގެ ކުރިން ޕާޓީގެ މެމްބަރަކަށް ވުމަށް އެދި މެމްބަޝިޕް ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް ވާއިރު ޕްރައިމަރީއާ ދިމާކޮށް 33،000 އަށް ވުރެ ގިނަ މީހުން އެމްޑީޕީއަށް ވަނުމަށް ފޯމް ހުށަހަޅާފައިވެއެވެ.
މެމްބަރޝިޕް ފޯމު ސައްހަތޯ ބެލުމުގެ މަސައްކަތް ކުރިއަށް ދާއިރު އެ މަސައްކަތް ނިންމުމަށް ފަހު ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އަންނަ މަހުގެ 13 ގައި އިއުލާން ކުރާނެ ކަމަށް ޕާޓީ އޮފީހުން މައުލޫމާތު ދެއެވެ.