ޗައިނާ ސަރުކާރާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ދައުރުގައި ސަރުކާރުން ހަދާފައިވާ ބައެއް އެއްބަސްވުންތަކުގެ ތަފްސީލެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް ވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ ޗައިނާ ސަރުކާރާއެކު ހަދާފައިވާ ބައެއް އެއްބަސްވުންތައް ނެތް ކަމަށާއި ޚާއްސަކޮށް އެގައުމުގެ ސަރުކާރާއިއެކު ކުރީގެ ރައީސް ޔާމީން ހަދާފައިވާ ބޮޑު އެއްބަސްވުމުގެ ތަފްސީލެއް ނެތްކަމަށެވެ. އެ އެއްބަސްވުންތައް ހޯދަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ބައެއް އެގްރިމެންޓުގެ ތަފްސީލު އަޅުގަނޑުމެންނަކަށް ނޭނގޭ. ޚާއްސަކޮށް ޗައިނާ ސަރުކާރާއިއެކު ރައީސް ޔާމީން ޗައިނާއަށް ވަޑައިގެން ކުރެއްވި ބޮޑު އެގްރިމެންޓު. އޭގެ ތަފްސީލުތަކެއް އަޅުގަނޑުމެމްނަކަށް ނޭނގޭ. އެ އެގްރިމެންޓް އަޅުގަނޑުމެން މި ހޯދަނީ. އޭގެ ތަފްސީލު އެނގުނީމަ އަޅުގަނޑުމެންނަށް އެނގޭނީ. އަޅުގަނޑު ގަބޫލުކުރާ ހިތެއް ނުވޭ ރައީސް ޔާމީންގެ ސަރުކާރަކުން ވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭ ފަދަ އެއްބަސްވުމެއް ހަދާފައި އޮންނާނެކަމަށް،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ޗައިނާއިން ނަގާފައިވާ ލޯނުގެ ދަރަނީގެ އަދަދު ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާއިރު ރައީސް ވިދާޅުވީ ލޯނުތައް ނަގާފައިވަނީ ބޮޑު އިންޓަރެސްޓް ރޭޓްގައި ކަމަށާއި އޭގެ ތެރޭގައި ސޮވެރިން ގެރެންޓީގެ ދަށުން ބޮޑެތި އިންޓަރެސްޓް ރޭޓާއިއެކީ ނަގާފައިވާ ލޯނުތައް ވެސް ހިމެނޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޗައިނާ ސަރުކާރާއެކު ވާހަކަ ދައްކަމުން އެބަ ދަން. އެ ބޭފުޅުން ތިއްބެވީ އަޅުގަނޑުމެންނާއި އެކީގައި މަޝްވަރާކޮށް މިހާރު ވެސް ދޫކޮށްފައިވާ ލޯނުތަކާއި އަދި އެމްއޯޔޫއަށް އަންޑަސްޓޭންޑިން އަށް އައިސްފައި ހުރި ކަންތައްތަކުގައި ވެސް އެކީގައި މަސައްކަތް ކޮށްގެން އެއަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަށް. އަޅުގަނޑަކަށް ނުފެނޭ ޗައިނާގެ ގުޅުމަށް މިކަމުގެ ސަބަބުން ބުރުލެއް އަންނާނެ ކަމަށް. އަދި ފަށާފައިވާ މަސައްކަތްތަކުގައި ވެސް މިކަމުގެ ސަބަބުން ބުރުލެއް އަންނާނެ ކަމަކަށް،" ރައީސް ވިދާޅުވިއެވެ.
ޗައިނާއިން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ތަރައްގީއަށް ބޮޑެތި މަޝްރޫއުތަކެއް ހިންގާފައެވެ. އެ ގައުމުން ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަމުން ގެންދަނީ މާ ބޮޑު އަގުގައި ކަމަށް ވިޔަސް ނިމިފައި ހުރި މަސައްކަތްތަކަށް މި ސަރުކާރުން ފައިސާ ދައްކަން މަޖުބޫރު ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.
ޗައިނާއިން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހިންގާފައިވާ މަޝްރޫއުތަކަށް ބަލާއިރު ސިނަމާލެ ބްރިޖް އަދި އެއަރޕޯޓް ތަރައްގީގެ މަޝްރޫއުތައް ހިމެނެއެވެ. އެ މަޝްރޫއުތަކަށް ދިވެހި ސަރުކާރުން ވަނީ ޗައިނާ އަށް 1.5 ބިލިއަން ޑޮލަރަށް ދަރަނިވެރި ވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.