އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބެހި ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި ފައިސާ ގޯނި ހިފައިގެން ފައިސާ ބެހިކަމަށް ވިދާޅުވީ ރައްޔިތުން ހޭލުންތެރިކުރުމުގެ ޖިހާދެއްގެ ގޮތުގައި ކަމަށް ހޯރަފުށީ ދާއިރާ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެ މައްސަލަ އޭސީސީން ބެލުމަށް ފަހު ނެރެފައިވާ ރިޕޯޓްގައި މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވި ވާހަކަތައް ވަރަށް ތަފްސީލްކޮށް ގެނެސްފައިވެ އެވެ. ނަމަވެސް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހްމަތުކުރެވޭ ބައެއް މެމްބަރުންނަށް ނުހައްގު މުއްސަނދިކަން ލިބިގެން ދިޔަ މައްސަލަ ބަލައި، އެކަމާ ގުޅޭ ތަފްސީލެއް ހާމަކޮށްފައެއް ނެތެވެ.
ފައިސާ ގޯނީގެ ވާހަކަ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ސިޔާސީ މީހަކަށް ހުންނަވައި، ގައުމުގެ ކޮރަޕްޝަންގެ ކަންތައް ފެތުރެމުންދާ ދަނޑިވަޅެއްގައި އެކަމުން މުޅި ގައުމާއި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި އަދި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކަމަށް އޭނާއާ ހަވާލާދީ އޭސީސީގެ ރިޕޯޓްގައިވެ އެވެ.
އޭސީސީގެ ރިޕޯޓްގައި ވަނީ ފައިސާ ގޯނި ބެހިކަމަށް މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށާއި އެއީ އެ ސުވާލު އޭނާއަށް އައި ގޮތުން ފޯރީގައި ނުވަތަ ޖަޒްބާތުގައި ބުނެވިފައިވާ އެއްޗެއް ކަމަށް އޭނާ ވިދާޅުވެފައިވާކަމަށެވެ.
"ކޮރަޕްޝަންގެ އެއްވެސް ފައިސާއެއް، ނުވަތަ ރިޝްވަތުގެ ގޮތުގައި އެއްވެސް ފައިސާއެއް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކާ ހަވާލުކުރަން އޭނާއަށް ލިބިފައިނުވާ ކަމަށާއި މަޖިލިސް މެންބަރުންނަށް އެއްވެސް ފައިސާއެއް ހަވާލުކުރުމަށް މީހަކު އޭނާއަށް ހަވާލު ނުކުރާ ކަމަށް ވަނީ ބުނެފަ،" އޭސީސީއިން ރިޕޯޓް ބުނެފައި ވެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށާއި ކުރިން ނާއިބު ރައީސް އަހުމަދު އަދީބުގެ ފައިސާގެ 60 ޕަސެންޓް ވާނީ ސިޔާސީ ޕާޓީއެއްގެ ބޭފުޅުން އަތުގައި ކަމަށް އޭނާ ވިދާޅުވި ވިދާޅުވުން އެއީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ދެއްކި ވާހަކައެއް ނޫންކަމަށް ވިދާޅުވެފައިވާކަމަށް އޭސީސީގެ ތަހުގީގުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އޭސީސީން ބުނީ އެމައްސަލައިގައި މެމްބަރު އިސްމާއިލްގެ ބޭންކް އެކައުންޓްތައް ބެލި ބެލުމުން ވެސް އެމްއެމްޕީއާރްސީގެ ފައިސާތަކެއް އޭނާ ގެންގުޅުނު ކަމަށް ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށް އޭސީސީން ބުނެ އެވެ. ނަމަވެސް، މެމްބަރުންނަށް ނުހައްގު މުއްސަނދިކަން ލިބުނު ގޮތެއް ނުހޯދަ އެވެ.