ޒުވާނުން ވިޔަފާރީގެ ތެރެއަށް ވެއްދުމަށް ކުރާ މަސައްކަތުގެ ދަށުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ބާއްވާ "ހަފްތާ ރެސް" މާކެޓް ޑިސެމްބަރު 28 ގައި ފަށާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަޒްމީލް ވިދާޅުވީ، ޑިސެމްބަރ 28 އިން ފެށިގެން ކޮންމެ ހަފްތާ ބަންދެއްގައި ވެސް މާފަންނު ސޯޝަލް ސެންޓަރ ސަރަހައްދާއި ރަސްފަންނު ސަރަހައްދުގައި ހަފްތާ ރެސްގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޒުވާނުން ބާރުވެރި ކުރުވައި މުޖުތަމައުއަށް ނެރުމަށާއި، ވިޔަފާރީގެ ދާއިރާއަށް ވެސް ގިނަ ޒުވާނުން ނެރުމުގެ މަޤްސަދުގައި ފަށާާ މި ހަރަކާތުގައި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއްވެސް ކުރިއަށް ދާނެ ކަމަށް އަޒްމީލް ވިދާޅުވިއެވެ. އެގޮތުން ތައުލީމީ އެކި ޕްރޮގްރާމްތަކާއި، ކުޅިވަރުގެ ޕްރޮގްރާމްތައް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަފްތާ ރެސް"ގެ ސްޓޯލްތައް ދޫކުރާއިރު، ބޮޑެތި ވިޔަފާރިތަކަށް ޖާގަ ނުދޭނެ ކަމަށާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން ޒުވާން ކުދިންނަށް އިސްކަން ދޭނެ ކަމަށް އަޒްމީލް ވިދާޅުވެފައިވެއެވެ. އެއްވެސް ސްޓޯލްއަކަށް ފީއެއް ނުނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ އުނގުޅޭ ބާޒާރު ސްޓައިލަކަށް ނޫން. ބޮޑަށް މި ފޯކަސް ކުރަނީ އަލަށް ވިޔަފާރި ފަށާ ކުދިންނަށް އިސްކަން ދީގެން. ދެން އަޅުގަނޑުމެން އިންނާނެ އޭގައި ވަކި ޕަސެންޓް ތަކަކަށް ބަހާލާފަ. އޭގެ ތެރެއިން 15 ޕަސެންޓް ދޫކޮށްލާނީ ބޮޑަށް އަންހެން ވިޔަފާރިވެރިންނަށް. އޭގައިވެސް ފޯކަސްކުރާނީ އަަލަށް ފަށާ ކުދިންނަށް. 10 ޕަސެންޓް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ދޫކޮށްލާނީ. ދެން އަނެއް 10 ޕަސެންޓް ދޫކޮށްލާނީ ރާއްޖޭގަ އުފައްދާ ލޯކަލް ޕްރޮޑަކްޓްސް ތަކަށް. ދެން އިން 30 ޕަސެންޓް އެއްކޮށް ހަމަ ޒުވާނުންނަށް އަޅުގަނޑުމެން ހަމަ ހުޅުވާލާނީ،" އަޒްމީލް ވިދާޅުވިއެވެ.
ޒުވާނުން އެކި ގޮތްގޮތުން ބާރުވެރި ކުރުވުމަށް މުނިފޫހިފިލުވުމުގެ އެތަކެއް ހަރަކާތަކާއެކު ކުރިއަށްދާ ހަފްތާ ރެސްގައި މަޝްހޫރު ލަވަކިޔުންތެރި ޝޯވތައް ބާއްވާނެ ކަމަށާއި، ލަވަކިޔުމުގެ ދާއިރާއަށް މުޅިން އަލަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް މި މާކެޓްގެ ތެރެއިން ފުރުސަތު ލިބޭނެ ކަމަށް މިނިސްޓަރު މަހުލޫފުވެސް ވަނީ ވިދާޅުވެފައެވެ.