ޑިޕާޓްމަންޓް އޮފް ސްޕެޝަލް ނީޑްސް އެޑިޔުކޭޝަންގެ ނަން ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ނަމަށް ބަދަލުކޮށްފި އެވެ.
މިގޮތުން ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ޤައުމީ މަންހަޖާ އެއްގޮތަށް ހުރިހައި ދަރިވަރުން ޝާމިލުކޮށްގެން ދެވޭ ތަޢުލީމު ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމުތައް ފަރުމާކޮށް، ރާވައި ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ސްކޫލުތަކަށް ފޯރުކޮށްދިނުމާއި، ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން، ތަޢުލީމާއި ތަމްރީނުގެ ހަމަހަމަ ފުރުޞަތުތައް ހުރިހައި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް، އިންކްލޫސިވް އެޑިޔުކޭޝަންގެ މިންގަނޑުތަކާ އެއްގޮތަށް އުނގަންނައިދިނުމަށް ބޭނުންވާނެ އެންމެހައި ވަސީލަތްތައް ޤާއިމުކުރުން ހިމެނެއެވެ.
އޭގެއިތުރުން، "އާރލީ އިންކްލޫޝަން" އަދި "އާރލީ އިންޓަވެންޝަން"ގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހަރުދަނާ ރެފަރަލް ނިޒާމެއް ޤާއިމުކުރުމާއި ފަންނީ އެހީތެރިކަން ސްކޫލުތަކަށް ފޯރުކޮށްދިނުމާއި، އިންކުލޫސިވް އެޑިޔުކޭޝަނުގެ ދާއިރާއިން ރާއްޖޭގައި ހިންގާ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިނގާގޮތް ބަލައި ވަޒަންކޮށް ދޭންޖެހޭ ފަންނީ ލަފާދީ، އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ޓީޗަރުންނާއި ފެސިލިޓޭޓަރުން ތަމްރީންކުރުމާއި، މި ފަރާތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނުތައް ދާއިމީގޮތެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުންވެސް ހިމެނެއެވެ.
މީގެ އިތުރުން ވެސް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަކަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ ތަންތަން ފަރުމާކުރުމަށް ބާރުއެޅުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އުނގެނުމަށް އެޅޭ ހުރަސްތައް ކުޑަކުރުމަށާއި ޝާމިލުކުރުމުގެ ސަޤާފަތެއް އުފެއްދުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު މަސައްކަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދީ، އިންކްލޫސިވް އެޑިޔުކޭޝަނުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމާބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން މި އިދާރާގެ މަސައްކަތްތަކުތެރޭގައި ހިމެނެއެވެ.