މާލޭގެ ފެންބޮޑުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ފެން ހިންދުމުގެ ނިޒާމު އިންޖިނިއަރުން ބުނި ގޮތާއި ހިލާފަށް ގާއިމްކޮށްފައިވާތީ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މާލޭގެ ސްޓޯމް ނެޓްވޯކް ގާއިމްކޮށްފައިވަނީ ނުބައިކޮށް ކަމަށާއި، މިކަމުން ރައްޔިތުންގެ ފައިސާތަކެއްވީ ބޭކާރު ކަމަށެވެ. އޭނާ ވިދާޅުވީ ސްޓޯމް ނެޓްވޯކް ގާއިމްކޮށްފައިވަނީ އިންޖިނިއަރުން ބުނި ގޮތާއި ހިލާފަށް ކަމަށާއި، އެކަން އޭރުގެ މެނޭޖިން ޑިރެކްޓަރަށް ވެސް އެނގޭ ކަމަށެވެ.
މިނެޓްވޯކް މަސައްކަތް ކުރާ ގޮތަށް އިޝާރާތް ކުރައްވާ އާޒިމް ވިދާޅުވީ ގްރެވިޓީ ސިސްޓަމެއްގެ ތެރެއިން ހުރިހާ ފެނެއް ޕަންޕް ސްޓޭޝަންއަށްދާ ކަމަށެވެ. މާލޭގައި އެންމެ ބޮޑަށް ފެން ހެދޭ ދެމަގަކީ އަމީނީ މަގާއި، ވެސްޓް ޕާކު ސަރަހައްދު ކަމަށާއި، ސްޓޯމް ނެޓްވޯކް ގާއިމްކޮށްފައިވާ ގޮތުން ފެންގަނޑު ދުއްވާލަން ސްލޯޕެއް ނުލިބޭ ކަމަށެވެ.
"އަމީނީ މަގުން ތާރު އެޅި މަގަށް. ވަރަށް ލަސްލަހުން ފެން މިދަނީ އެޕަންޕް ސްޓޭޝަން ތެރެއަށް. ދިޔާމަ ޕަންޕް ކިތަންމެ ވަރުގަދަ އަސް ފެނެއް ބޭރެއް ނުކުރެވޭނެ. އެހެންވީމަ އޭރު ވެސް އަޅުގަނޑުމެންގެ ވަރުގަދަ އިންޖިނިއަރިން ޓީމެއް. އެޓީމުން ސަރުކާރުގައި އެދުމުން ދިޔަ އެމްޑަބްލިއުއެސްސީ އަމީނީ މަގުގައި އެއް އެޕަންޕް ސްޓޭޝަން ބަހައްޓަން" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އިންޖިނިއަރުން ބުނި ގޮތަށް އަމީނީ މަގުގައި އެއް އެޕަންޕް ސްޓޭޝަން ގާއިމް ކުރިނަމަ މިމައްސަލަ ކުރިމަތި ނުވީސް ކަމަށެވެ. އަދި އެންމެ ގިނަ އިރުވެގެން ބައިގަޑިއެއްހާއިރު ފެންގަނޑު ހިންދާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރައްޔިތުންގެ ފައިސާ ހަރަދު ކުރާއިރުގައި އޭގެން އެންމެ ރަނގަޅު ނަފާއެއް ލިބޭނެ ގޮތަށް އެކަމެއް ކުރަންޖެހޭ ކަމަށާއި، މަޝްރޫއެއް ހިންގާއިރު އެންމެ ތަޖުރިބާ ހުރި މީހުންނާއި، އެކަމަށް އެންމެ ގާބިލް މީހުން ބުނާ ގޮތަށް ކަންތައްތައް ނުކުރުމުން މިފަދަ ހިތާމަވެރި ހާދިސާތައް ދިމާވާނެ ކަމަށެވެ.
މާލޭގެ ސްވަރޭޖް ނެޓްވޯކް އަޕްގްރޭޑް ކުރަންޖެހޭކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މާލޭގެ މަގުތަކުން ނަޖިސް ބޭރުވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ސަރުކާރާއި، ކަމާ ބެހޭ މުއައްސަސާތަކުން އެއްބާރުލުން ދީފިނަމަ މިމައްސަލަ ދެއަހަރު ދުވަހުގެ ތެރޭގައި ހައްލު ކުރެވޭނެ ކަމަށެވެ. އަދި މާލެއަށް އެތައް ބަޔަކު ދިރިއުޅުން ބަދަލުކުރާއިރު އެކަން ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.