ރާއްޖޭގެ ޖަލުތައް އޮޑިޓް ކުރުމުގެ މަސައްކަތަކީ މުޅި މުޅިމުޖުތަމައުގެ މަސްލަހަތާ ގުޅުންހުރި ކަމެއްކަމަށާއި، މިމަސައްކަތް އަވަހަށް ނިންމައިދިނުމަށް ހޯމް މިނިސްޓަރު އައްޝައިޚް އަބްދުﷲ އިމްރާން އެދިވަޑައިގެންފިއެވެ.
ޖަލުތަކުގެ އޯޑިޓް ހެދުމާއިގުޅޭ ކޮމިޝަނާއި މިނިސްޓަރު ޝެއިހް އިމްރާން ބައްދަލުކުރައްވާ ވިދާޅުވީ މިއީ މުޅިމުޖުތަމައުގެ މަސްލަހަތާ ގުޅުންހުރި ކަމަކަށްވާތީ ވަރަށްބޮޑަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. އަދި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ފަންނީގޮތުން ޤާބިލު ތަޖުރިބާކާރު ބޭފުޅުންކަމަށާއި އެބޭފުޅުންނާއި މެދު ފުރިހަމަ އިތުބާރާއި ޔަޤީންކަންއޮތްކަން ވިދާޅުވިއެވެ.
ހަތް މެންބަރުންގެ މައްޗަށް ހިމެނޭ މިކޮމިޝަނުގެ ރައީސަކަށް އައްޔަންކުރައްވާފައިވަނީ އައްޝައިޚް އަހްމަދު އަބްދުލްކަރީމްއެވެ. މީގެތެރޭގައި ހިމެނިވަޑައިގަންނަވާ އެހެންބޭފުޅުންނަކީ ޑރ. ޢަބްދުﷲ އިސްނީން ހިލްމީ، ތެވެލި، ސ.ހިތަދޫ، ޝަހިންދާ އިސްމާއިލް، މއ.ބޯގަންވިލާ، އަހްމަދު މުހައްމަދުފުޅު، ރިހިތަޅާގެ، ރ.ކަނދޮޅުދޫ، އަލްއުސްތާޛާ ޒުލައިޚާ ދާއޫދު، ގ.މާލެހިޔާ 2، އަލްއުސްތާޛާ ޝާދިޔާ އާދަމް، ސާތީ، އދ. ދަނގެތި، އައިމިނަތު ނާހީން އަޙްމަދު، މާބުޅާގެ، ޏ.ފުވައްމުލައްއެވެ.
ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި އޯޑިޓް ހެދުމުގެ މައިގަނޑު ބޭނުމަކީ، ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމެވެ. އަދި އެ ރިޕޯޓަށް ރިއާޔަތްކޮށް ޖަލުތަކުގެ ކަންކަން އިސްލާހްކޮށް ގައިދީންގެ ހައްޤުތައް ކަށަވަރު ކުރުމާއިއެކު ގައިދީންގެ އިންސާނީ ޙައްޤުތައް ލިބިދެވޭކަން ކަށަވަރު ކޮށްދިނުމެވެ.