މި މަހުގެ ފަސް ވަނަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރާގައި މާލޭގައި ފެންބޮޑުވެ، ގެއްލުން ލިބުނު 127 ގެއަށް ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރ (އެންޑީއެމްސީ) އިން ފަށައިފިއެވެ.
ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޕްރޮޖެކްޓް ޑިރެކްޓަރ އަދި މީޑިއާ ކޯޑިނޭޓަރު ހިސާން ހަސަން ވިދާޅުވީ ފެންބޮޑުވެގެން ގެއްލުން ލިބުނު އާއިލާތަކަށް ގުޅައި، ފައިސާއާ ހަވާލު ކުރަމުންދާ ކަމަށާއި މިހާތަނަށް 24 ފަރާތަކަށް ފައިސާ ހަވާލުކޮށްފައިވާ ކަމަށެވެ.
ފެންބޮޑުވުމުގެ ހާދިސާގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުން 1.2 މިލިއަނަށް އެރިކަން ފާހަގަ ކުރައްވައި، ހިސާން ވިދާޅުވީ ގެއްލުންވި އާއިލާތަކަށް އެހީވުމަށް އެކި ފަރާތްތަކުން 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެންޑީއެމްސީއަށް ލިބުނު ކަމަށެވެ.
އޭނާ ވިދާޅުވީ ފައިސާ ދޫކުރުމުގައި އެ ސެންޓަރުން ލަހެއް ނުކުރާނެ ކަމަށާއި އަމާޒަކީ ގެއްލުމުގެ ބަދަލު ދީގެން ދިރިއުޅުމުގެ ހާލަތު، އާންމުހާލަތަށް ގެނެސްދިނުން ކަމަށެވެ.
"އަޅުގަނޑުމެން ފައިސާ ހަވާލު ކުރަމުން މިދާ ގޮތަކީ ގެތަށް ގްރޫޕުތަކަކަށް ބަހާލައިގެން، ގެތަކުގެ ވެރިފަރާތްތަކަށް ގުޅައި، އަޅުގަނޑުމެން މިކޮޅަށް ގެންނަން ބުނާ ޑޮކިއުމަންޓްސްތަކާ އެއްޗެހިތަކާއެކު ހާޒިރުވީމަ، ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ފުރިހަމަވީމަ ފައިސާ ހަވާލު ކުރަމުން މި ގެންދަނީ،" ހިސަން ވިދާޅުވިއެވެ.
މި މަހުގެ ފަސް ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ އެންމެ ބޮޑެތި ގެއްލުންތަކެއްވެފައި ވަނީ އައިޖީއެމްއެޗް ހިމެނޭ ސަރަހައްދުގެ ގެތަކަށާއި އަމީނީމަގުގެ ހުޅަނގުފަރާތު ގެތަކަށާއި ވެސްޓް ޕާކްސަރަހައްދުގެ ގެތަކަށެވެ.
މާލޭގައި ފެންބޮޑުވުން ދެ އާއިލާއަކަށް ވަގުތީ ހިޔާވަހިކަން ދޭންޖެހުނެވެ. މި މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރުން ފެށިގެން މެދުކެނޑުމެއް ނެތި ފަސް ގަޑިއިރު ވަންދެން މާލެށް ކުރި ވިއްސާރައިގައި ރެކޯޑު އަދަދަކަށް މާލެށް ވަނީ ވާރޭ ވެހިފައެވެ. މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސް އިން ލަފާކުރާ ގޮތުގައި މާލެއަށް 223.5 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވެއެވެ. އެއީ ރެކޯޑު އަދަދެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.