ރިޔާސީ ދެ ކޮމިޝަނަށް ބާރުދޭ ގޮތަށް ހުށަހެޅި، ބިލް ފާސްނުކޮށް މަޖިލިސް ޗުއްޓީއަށް ދާން ޖެހުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރަށް ތާއިދުކުރާ ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ އޮވެމެ މެމްބަރުން ހަމަނުވެގެން ވޯޓަކަށް ނޭހޭ ގޮތް ވުމަކީ ހިތާމަކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ކޯލިޝަނުގެ މެޖޯރިޓީ މަޖިލީހުގައި އޮވެމެ. 46، މެމްބަރުން އަޅުގަނޑުމެން ކޯލިޝަނުގައި އެބަތިބެ އެތަނަށް 43 މެމްބަރުން ހާޒިރު ނުވެވޭ ގޮތް ކޮންމެވެސް ސަބަބަކާ ހުރެ ވެގެން ދިއުމަކީ ދެރަ ކަމެއް ހިތާމަކުރާ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ރިޔާސީ ކޮމިޝަނަށް ބާރުލިބެދޭ ގޮތައް ހުށައަޅާފައިވާ ބިލް މަޖިލީހުން ފާސްކުރުމަށް މަޖިލިސް މެމްބަރުންގެ އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރައްވާފައިއެވެ. މަޖިލިސް މިވަގުތު ޗުއްޓީގައި އޮއްވާ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައިގެން އެ ބިލް ފާސްކުރުމަށް ޕާޓީތަކުގެ އިސްވެރިންނާ މަޝްވަރާ ކުރައްވާނަންތޯ ރާއްޖެއެމްވީ ސުވާލު ކުރުމުން ރައީސް ވިދާޅުވީ ޗުއްޓީގައި މަޖިލިސް އޮއްވާ ޖަލްސާއެއް ބޭއްވުމަށް މެމްބަރުންނަށް އަންގަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ ބިލް ފާސްކުރާނެ ކަމާ މެދު ކޯލިޝަނަށް ތާއިދުކުރާ މެމްބަރުންނާ މެދު އެމަނިކުފާނުގެ ޔަގީން އެބަ އޮތް ކަމަށެވެ.
![](https://dyncz33htw1ec.cloudfront.net/posts/1545224358.jpg)
ރައީސް ސޯލިހު އުފެއްދެވި "ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" ފާސްކުރުމަށް ވޯޓަށް ނޭހުނީ މަޖިލީހަށް އެ ވަގުތު މެމްބަރުން ހަމަނުވެގެންނެވެ. އަދި އެ ދުވަހަށް ފަހު މަޖިލިސް ޗުއްޓީ ގޮސްފައިވާއިރު ދެން މަޖިލީހުގެ ޖަލްސާތައް ބާއްވާނީ ދެން ފެބްރުއަރީ މަހުއެވެ.
ރައީސް ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ބޮޑެތި ބާރުތައް ދޭ ގޮތަށް އެ ބިލް ފަރުމާކުރި ނަމަވެސް އެ ބިލް ދިރާސާ ކުރުމުގެ ތެރޭގައި ބައެއް ބާރުތައް ވަނީ އުނިކޮށްފައެވެ. އަދި އެ ބިލް ފާސްވެގެން ގޮސްފައިނުވާތީ ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައް ލަސްވާނެ ކަމަށް އެ ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ.