އެމްޑީޕީގެ މަޖިލީސް ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައި ވަނީ 280 މީހުން ކަމަށް އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވެއްޖެ އެވެ.
މަނިކު ވިދާޅުވީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު ބުދަ ދުވަހުގެ ހަވީރު 4:00 އަށް ހަމަވެފައި ވާއިރު، ކުރިމަތިލާފައި ވަނީ 259 ފިރިހެނުންނާއި 21 އަންހެނުން ކަމަށެވެ.
އަށްޑިހަހަތް ދާއިރާއަކަށް ވާދަކުރެއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމަވާފައި ވާއިރު ކެންޑިޑޭޓަކު ވާދަނުކުރާ ހަމައެކަނި ދާއިރާއަކީ ނިލަންދޫ ދާއިރާއަށެވެ. އެމްޑީޕީ ޕްރައިމަރީގައި އެންމެ ގިނައިން ކެންޑިޑޭޓުން ވާދަ ކުރަން ހުށަހެޅި ދާއިރާއަކީ ވިލިމާލެ ދާއިރާއެވެ. އެ ދާއިރާއަށް ނުވަ ކެންޑިޑޭޓުން ވާދަ ކުރަން ހުށަހަޅާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
މީގެ އިތުރުން އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން 10 މީހަކަށް ޓިކެޓް ކަށަވަރުވެފައިވެއެވެ.
އެމްޑީޕީ އިންތިޚާބާ ބެހޭ ކޮމެޓީގެ މުގައްރިރު ވިދާޅުވީ ޕްރައިމަރީއަށް ހުށަހެޅި ހުރިހާ ފޯމްތަކެއްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ކުރިއަށް އޮތް ތިން ދުވަހުގެ ތޭރޭގައި ދާއިމީ ލިސްޓް ހާމަކުރާނެ ކަމަށެވެ.
ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުންނަށް ވޯޓުލެވޭނީ މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އެ ޕާޓީގެ މެމްބަރަކަށްވުމަށް ހުށަހަޅާފައިވާ މީހުންނަށެވެ. އެމްޑީޕީ ޕްރައިމަރީއާ ދިމާކޮށް، އެ ޕާޓީއާ ގުޅުނު މެމްބަރުންގެ އަދަދު 33،000 އަށް އަރައެވެ.
އަލަށް ގުޅުނު މެމްބަރުންނާއެކު އެމްޑީޕީގެ މެމްބަރުންގެ އަދަދު 81000 އަށް ވުރެ އިތުރު ވެފައިވާއިރު އެ އެންމެނަށް ޕްރައިމަރީގައި ވޯޓް ލެވޭނެ ކަމަށް މަނިކު ވިދާޅުވިއެވެ.