ރާއްޖޭގެ ބިމުން ކައިވަތެއް ވެސް އަސްކަރީ ބޭނުމަށް ދިނުމަށް އެއްބަސްވެފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އޮފީހުގައި ދެއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ރައީސް ސޯލިހު ވިދާޅުވީ އެއްވެސް ގައުމަކަށް އަދި އެއްވެސް ބަޔަކަށް ރާއްޖޭގެ ބިމުން ކައިވަތެއް ވެސް ދޭން އެއްބަސްވެފައި ނުވާނެ ކަމަށާއި އެކަން އޮންނާނީ އެގޮތަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލެއް އަދި ނޭނގޭ ކަމަށާއި އެގޮތުން ރައީސް ޔާމީން ޗައިނާއަށް ވަޑައިގެން ސޮއި ކުރެއްވި "ބޮޑު އެގްރިމެންޓު"ގެ ތަފްސީލުތަކެއް ނޭނގޭ ކަމަށެވެ.
"އެއްވެސް ގައުމަކާ އެކީގައި އެއްވެސް ބަޔަކާ އެކީގައި އަސްކަރީ ބޭނުމަށް ރާއްޖޭގެ ބިމުން ކައިވަތެއް ދޭން ވެސް އެއްބަސްވެފައެއް ނޯންނާނެ. އެކަން އޮންނާނީ އެގޮތަށް،" ރައީސް ސޯލިހުގެ ސަރުކާރަށް މަސް ދުވަސްވެފައި ވަނިކޮށް ދެއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވިދާޅުވިއެވެ.
ރާއްޖޭގެ ބިމުން ކައިވަތެއް ވެސް ބޭރުގެ ބަޔަކަށް ދިނުމަށް އެއްބަސްވެފައި ނޯންނާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނީ އަސްކަރީ ބޭނުމަށް ރާއްޖޭގެ ބިމުން ބައެއް ދިނުމަށް އެއްބަސްވެފައިވާ ކަމަށް އަޑުފެތުރިފައިވަނިކޮށެވެ.