އަލަށް އުފައްދާ ދެ ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފިއެވެ.
ބުދަ ދުވަހު އިލެކްޝަން ކޮމިޝަނުން ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދީފައި ވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކޮރެޓް (އެމްޓީޑީ) ގެ އިތުރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކޮރެޓިކް (އެމްއެލްއެސްޑީޕީ) އަށެވެ.
Alah ufehdhumuge huhdha dheefaivaa 2 siyaasee party kamugaivaa Maldives Labor and Social Democratic Party adhi Maldives Third way Democrats ah siyaasee party eh ufehdhumah baavaa bahdhaluvun beyvumah EC in huhdha dheefi pic.twitter.com/PLcdFwLMhr
— Elections Commission (@ElectionsMv) December 19, 2018
އިލެކްޝަން ކޮމިޝަނުން މި ޕާޓީތަކުގެ ޖަލްސާތައް ބާއްވަން ހުއްދަ ދީފައިވާއިރު، އަލަށް ސިޔާސީ ޕާޓީއެއް އުފައްދާ ނަމަ ތިންމަސް ތެރޭ އެންމެ މަދުވެގެން 3000 މީހުން ހަމަވާންޖެހެއެވެ.
ސަރުކާރުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭނީ 10000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. އެމްޓީޑީ އިން އެ ޕާޓީގެ މެމްބާރޝިޕް ފޯމް އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައި ވަނީ އަންގާރަ ދުވަހުއެވެ .
އެމްޓީޑީގެ ނަމުގައި ޕާޓީއެއް ހަދަން އިލެކްޝަން ކޮމިޝަނުން މިދިޔަ ނޮވެމްބަރު މަހު ދީފައިވާއިރު އެ ޕާޓީ އަށް ފުރަތަމަ ސޮއި ކުރެއްވި ބޭފުޅަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއެވެ.
އަންނަ އަހަރު މާޗް މަހު އޮންނަ ރައްޔިތުންގެ މަޖީލިސް އިންތިހާބަށް އެޕާޓީން ކެންޑިޑޭޓުން ނެރޭނެ ކަމަށް ޕާޓީގެ މުސްތަޝާރު އިސްމާއިލް އާސިފް ވަނީ ވިދާޅުވެފައިއެވެ.
މީގޭ އިތުރުން އެޕާޓީން ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރާނެ ކަމަށް ވެސް އާސިފް ވަނީ ވިދާޅުވެފައެވެ. މަޝްހޫރު ގާނޫނީ ވަކީލް އަބްދުﷲ ހަސީން އިސްވެ ހުންނަވާ އުފައްދާފައިވާ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ދީފައި ވަނީ މި އަހަރު އޮގަސްޓް މަހުއެވެ. އެމްއެލްއެސްޑީޕީއަކީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.