"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙް އުފެއްދެވި ކޮމިޝަނުގެ އަމާޒަކީ މައްސަލަތައް ކުރިޔައް އޮތް ތިން މަސް ތެރޭގައި ނިންމާލުން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ލިސްޓެއް ޑިސެމްބަރ މަހުގެ 27ގައި އާންމު ކުރާނެ ކަމަށާއި، ކޮމިޝަނުގެ އަމާޒަކީ ކުރިއަށް އޮތް ތިން މަސް ތެރޭގައި އެ ހުރިހާ މަސައްކަތެއް ނިންމާލުން ކަމަށެވެ.
Commission in balamun gendhaa massalathakuge listeh December 27 gai iulaan kureveyne. Comission ge amaazakee mi hurihaa massala eh kuriah oiy thin mahuge thereygai ninmaalun.
— Commission on Disappearances and Deaths (@DdcomMdv) December 19, 2018
އެ ކޮމިޝަނުން ބެލުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 1، 2012 އިން ސެޕްޓެމްބަރު 17، 2018 އަށް ހިނގާފައިވާ މައްސަލައެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަން އުފެއްދެވީ އެ މުއްދަތުގެ ތެރޭގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގެ މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަކީ އިންސާފު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީއެވެ.