ފާއިތުވި ދެ ހަފްތާގައި ޑެންގީ ހުންޖެހޭ މިންވަރު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލާމާތު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ ޑެންގޫ ހުން ޖެހޭ މިންވަރު ފާއިތުވެ ދިޔަ ދެ ހަފްތާގައި އެއްވަރެއްގައި ހިފެހެއްޓިފައި ވީނަމަވެސް ބޭރަށް ހިންގުން އިތުރު ވެފައި ވާކަމަށާއި ޑެންގޫ ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ހުސްވި އޮކްޓޯބަރު މަހުން މަސައްކަތް ފަށާފައިވާއިރު މި މަހުގެ 14 ވަނަ ދުވަހު އެޗްޕީއޭ އިން އިސްނަގައިގެން އައިޖީއެމްއެޗާއި، މޯލްޑިވިއަން ރެޑްކްރެސެންޓާއި ލޯކަލް ގަވަރމެންޓް އޮޓޯރިޓީ އާއި އާސަންދަ އަދި ސަރުކާރުގެ ބައެއް އެހެން އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ހެލްތު އިމަރޖެންސީ ކޯޑިނޭޝަންގެ ނަމުގައި ކޮމެޓީއެއް އުފައްދާފައި ވާކަމަށެވެ. ރާއްޖެ އިން ޑެންގޫ ހުމާއި ބޭރަށް ހިންގުން ކޮންޓްރޯލް ކުރުމަށްޓަކައި އެ ކޮމެޓީން ގިނަ މަސައކަތްތަކެއް ކުރަމުން ދާކަމަށް އަފްޒަލް ވިދާޅުވިއެވެ.
ރަށްރަށުގަޔާއި މާލޭގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ޑެންގޫ ބޭސްހުރިތޯ ކަށަވަރު ކުރުމާއި އާންމުން މިކަމަށް ހޭލުންތެރި ކުރުވުމަށްޓަކައި ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި މި ނޫނަސް މިފަދަ އެތައް މަސައްކަތްތަކެއް އެކޮމެޓީން ކުރާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އައިޖީއެމްއެޗް އާއި ރެޑްކްރެސެންޓް ގުޅިގެން މި މަހުގެ 13 ވަނަ ދުވަހު ޓެލެކޮންފަރެންސްގެ ދެ ކޮންފަރެންސް ބައްވާފައި ވާއިރު 14 ވަނަ ދުވަހު ވެސް ދެ ކޮންފަރެންސް އަދި 17 ވަނަ ދުވަހު އެއް ކޮންފަރެންސް ބާއްވާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
އަފްޒަލް ވިދާޅުވީ ޑެންގޫ ހުމުން ރައްކާތެރިވުމުގެ ގޮތުން ބޭރަށް ނުކުމެ އުޅޭއިރު ވިހާ ވެސް ބޮޑަކަށް ނިވާވާ ހެދުން ލުމާއި ގޭތެރޭގައި މަދިރި ދުންދަނޑި އާއި މޮސްކިޓޯ ނެޓް ފަދަ ތަކެތި ބޭނުން ކުރުމުގެ އިތުރުން ގެއާއި ގޯތި ތޭރޭގައި ފެން ހަރުލާ ގޮތަށް ތަކެތި ނުބެހެއްޓުމަށް ސަމާލްކަން ދޭންޖެހޭ ކަމަށެވެ.