"ނެއިބަރ ހުޑް ސަޕޯރޓް އޮފިސަރސް"ގެ ނަމުގައި އެކި ސަރަހައްދުތަކަށް ހާއްސަ ފުލުހުންގެ ގުރޫޕްތަކެއް ކަނޑައަޅައި އަމަލީ ގޮތުން ފުލުހުންގެ ނެއިބަރހުޑް ސަޕޯރޓު އޮފިސަރުންގެ މަސައްކަތްތައް ފަށައިފިއެވެ.
ފުލުހުންގެ ސަޕޯރޓް އޮފިސަރުންގެ ޖުޑިސްޓްރިކްޝަން ކަމުގައި ކަނޑައެޅިފައިވާ ސަރަހައްދު ރަނގަޅަށް ބެލެހެއްޓުމުގެ އަމާޒުގައި އަންގާރަ ދުވަހު މި މަސައްކަތް ފަށާފައިވާއިރު، ގްރޭޓަރ މާލޭ ސަރަހައްދުތަކަށް ކަނޑައަޅާފައިވާ ސަޕޯރޓް އޮފިސަރުން ވަނީ އެއޮފިސަރަކަށް ކަނޑައެޅިފައިވާ ނެއިބަރހުޑްތަކުގައި ހުރި ގޭބިސީތަކަށާއި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވާފައެވެ. އަދި ސަޕޯރޓް އޮފިސަރުންނަށް ގުޅޭނެ ނަންބަރުތަކާއި، ކުރާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ގޭބިސީތަކާއި ހިއްސާކޮށްފައި ވެއެވެ.
ފުލުހުންގެ ފްރަންޓްލައިންގެ މަސައްކަތް ޑީސެންޓްރަލައިޒް ކުރުމަށް މި ޚިދުމަތް ފަށާފައިވާއިރު، ގްރޭޓަރ މާލޭ އޭރިއާ 8 ސަރަހައްދަކަށް ބަހާލައި، އެއިން ކޮންމެ ސަރަހައްދަކަށް ވަނީ ސަޕޯރޓް އޮފޮސަރުން ކަނޑައަޅާފައެވެ.
އެގޮތުން މާލެ ވަނީ ހަތަރު ސަރަހައްދަކަށް ބަހާލާފައެވެ. އަދި ހުޅުމާލެ ތިން ސަރަހައްދަކަށް ބަހާލާފައިވާއިރު، ވިލިނގިއްޔަކީ ވެސް ވަކި ސަރަހައްދެއް ގޮތުގައި ކަނޑައަޅައި ސަޕޯރޓް އޮފިސަރުން ވަނީ ހަމަޖައްސާފައެވެ.
އެކި ސަރަހައްދުތަކަށް ފުލުހުންގެ ނެއިބަރހުޑް ސަޕޯރޓް އޮފިސަރުން ކަނޑައެޅުމުން ކުށް މަދުކުރެވި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު ކަންކަން ހުއްޓުވޭނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މިއީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ފުލުހުންނާ ގުޅުން ހުރި ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.