ސައުދީ އަރަބިއާގެ ތާރީހުގައި ވެސް އެ ގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ އެއްމެ ބޮޑު ބަޖެޓު ރަސްގެފާނު ސަލްމާން އިއުލާން ކުރައްވައިފިއެވެ.
އަންނަ އަހަރަށް ސައުދީން ހަމަޖައްސާފައި ވަނީ 295 ބިލިއަން ޑޮލަރުގެ ބަޖެޓެކެވެ. ބަޖެޓު އިއުލާން ކުރައްވަމުން ރަސްގެފާނު ސަލްމާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސައުދީއިން އިގްތިސާދު ބަދަލުކުރުމަށް ކުރާ މަސައްކަތައިގެން ކުރިޔަށް ދާނެ ކަމަށާއި ޕްރައިވެޓް ސެކްޓަރ ވަރުގަދަ ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށެވެ.
ސައުދީ ސަރުކާރުން ވަނީ އިގްތިސާދު ކުރިއެރުމުގެ ދުވެލި މަޑުޖެހިފައި އޮތުމަށް ހައްލެއް ގެނައުމަށް ހަރަދުތައް ހަތެއް އިންސައްތަ އިތުރު ކުރަން ނިންމާފައެވެ. އަދި މިކަމުގެ ސަބަބުން އެ ގައުމުގެ ވަޒީފާ ނެތް މީހުންގެ އަދަދު ވެސް ދަށަށް ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ 2030 ތަސައްވުރުގެ ދަށުން އިތުރުކޮށްފައިވާ ޓެކްސްތަކުގެ ސަބަބުން ވިޔަފާރިތަކަށް ވަނީ އުނދަގޫތަކާ ކުރިމަތި ލާން ޖެހިފައެވެ. އެ ގޮތުން މި އަހަރު އެ ގައުމުގެ އިގްތިސާދު ވަނީ އަށް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައެވެ. ނަމަވެސް ތެލަށް ބަރޯސާވެފައި އޮތް ސައުދީ އިގްތިސާދަށް މި އަހަރު ތެޔޮ ނޫން ވަސީލަތްތަކުން ލިބުނު އާމްދަނީ ވަނީ 77 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ.
މި ބަޖެޓާ އެކު ސައުދީގެ ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 21.5 އިންސައްތައަށް ވަނީ އިތުރުވެފައެވެ. މީގެ ކުރިން ސައުދީއިން ވަނީ ބަޖެޓު ފޫބެއްދުމަށް އެ ގައުމުގެ ރިޒާވުން ފައިސާ ބޭނުންކޮށް ބޭރުގެ ބޭންކުތަކުން ވެސް ފައިސާ ނަގާފައެވެ.